އެމްޑީޕީއަށް 20 އަހަރު ފުރުމާ ގުޅިގެން ޚާއްޞަ ދުވުމެއް ހުކުރު ދުވަހު ހުޅުމާލޭގައި ބާއްވައިފި އެވެ. ”ރަން ރީނދޫ“ ގެ ނަމުގައި ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ބޭއްވި ބޭއްވި ދުވުމުގެ ބޭނުމަކީ، އެ ޕާޓީއަށް 20 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އެ ޕާޓީގެ އެއްބައިވަންތަކަން ދައްކާލުމެވެ. އެމްޑީޕީން ބުނީ، ހުޅުމާލޭގައި އެ ހަރަކާތް މިއަދު ފެށި ނަމަވެސް އެ ހަރަކާތް ރަސްމީކޮށް ނިންމާލާނީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭއްވުމަށް ފަހު ކަމަށެވެ. ހުކުރު ދުވަހު ބޭއްވި ދުވުމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ އިތުރުން އެ ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
ހާއްސަ ދަންމަރަކާއެކު އެ ދުވުން ފެށިއިރު، އެމްޑީޕީން ބުނެފައިވަނީ، އެއީ އެމްޑީޕީން ވޭތުވެދިޔަ 20 އަހަރު ދިވެހިންނަށާއި ރާއްޖެ އަށް ކޮށްދީފައިވާ އެކިއެކި ހިދުމަތްތައް އަދި ގެނެސްދީފައިވާ ތަރައްގީ ރަމްޒު ކޮށްދޭނެ ދަންމަރެއް ކަމަށެވެ. މިއަދު ބޭއްވި ދުވުމުގައި 300 ހާ މީހުން ބައިވެރިވިކަން ފާހަގަ ކޮށްލެވެއެވެ.
އެމްޑީޕީ އަކީ 2003ވަނަ އަހަރު ރާއްޖޭގައި ފެށުނު އިސްލާހީ ހަރަކާތާއި އެކު އުފެދުނު ފުރަތަމަ ސިޔާސީ ޕާޓީއެވެ. ގިނަ ޕާޓީތައް ވާދަކުރެވޭ ގޮތަށް 2008ވަނަ އަހަރު ރާއްޖޭގައި ފުރަތަމަ ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރި ޕާޓީއަކީ އެމްޑީޕީއެވެ. މިވަގުތުވެސް 40000 ވުރެ ގިނަ މީހުން އެމްޑީޕީގެ ރަޖިސްޓްރީގައި ތިބިކަން ފާހަގަކޮށްލެވެ.

































