މިއަދު އެހެން މީހަކަށް ކުރިމަތިވެފައިވާ ޙާލަތަކީ، މާދަމާ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް ކުރިމަތިވެދާނެ ޙާލަތެކެވެ. އެހެންކަމުން، ބަލިމަޑުކަމާއި ބޭސްފަރުވާއަކީ ފާރުނޫސްތަކުގެ ސުރުޚީއަކަށް ވުމުގެ ބަދަލުގައި، އަޅުގަނޑުމެންގެ ހިތްތަކުގައި އަނެކާއަށްޓަކައި އޮންނަ އޯގާތެރިކަމާއި އިޙްތިރާމް ހާމަވާ ކަމަކަށް ހަދަމާތޯއެވެ!
ބަލިވުމަކީ އިންސާނީ ތަބީޢަތުގެ ބައެކެވެ. މަޤާމަކަށް، ޖާހަކަށް ނުވަތަ މުއްސަނދިކަމަކަށް ބަލާފައި ބަލިމަޑުކަމެއް ނާދެއެވެ. ޤައުމުގެ އެންމެ އިސް ވެރިޔާއިން ފެށިގެން އާންމު ރައްޔިތުމީހާއާ ހަމައަށް، ކޮންމެ މީހަކީވެސް ބަލިޙާލަތެއް ކުރިމަތިވެ، ބޭސްފަރުވާއަށް ބޭނުންޖެހޭނެ އިންސާނެކެވެ. އަދި އެފަދަ ޙާލަތްތަކުގައި ދައުލަތުގެ އެހީތެރިކަމަށް އެދުމަކީ ކޮންމެ ރައްޔިތަކަށްވެސް ޤާނޫނުއަސާސީންނާއި އިންސާނީ ހަމަތަކުން ލިބިދީފައިވާ ޙައްޤެކެވެ.
ނަމަވެސް، ހިތާމައާއެކު ފާހަގަކުރަންޖެހޭ ޙަޤީޤަތަކީ، މިއަދުގެ މުޖުތަމަޢުގައި ބައެއް ފަރާތްތަކުން މީހުންގެ ބަލިޙާލަތާއި ބޭސްފަރުވާގެ މަޢުލޫމާތުތަކަކީ ސިޔާސީ ވާދަވެރިކަމުގެ ހަތިޔާރަކަށް ހަދަމުންދާ ކަމެވެ. ވަކި ޚިޔާލެއްގެ ނުވަތަ ވަކި ސިޔާސީ ފިކުރެއްގެ މީހަކަށް ވީތީ، އެމީހަކު ބަލިވެގެން ދައުލަތުގެ އެހީއަށް އެދުމުން އެކަން ފާރުނޫސްތަކުގެ ސުރުޚީތަކަށް އަރުވައި، މީސްމީޑިއާގައި މަލާމާތާއި ފުރައްސާރައިގެ ޝިކާރައަކަށް ހެދުމަކީ އަޅުގަނޑުމެންގެ އަޚްލާޤީ މިންގަނޑު ވެއްޓިފައިވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ.
ކޮންމެ އިންސާނެއްގެވެސް ބަލިޙާލަތަކީ އެމީހެއްގެ އެންމެ ޒާތީ އަދި ސިއްރު މަޢުލޫމާތެވެ. ބައިނަލްއަޤްވާމީ މިންގަނޑުތަކާއި ޞިއްޙީ ދާއިރާގެ އަޚްލާޤީ ހަމަތަކުގައިވެސް ބަލިމީހާގެ މަޢުލޫމާތު ރައްކާތެރިކުރުމަށް އެންމެ ބޮޑު އިސްކަމެއް ދެއެވެ. ސަބަބަކީ ބަލި އެނދުގައި އޮންނަ މީހާއަށް ބޭނުންވަނީ ހަމްދަރުދީއާއި، ހެޔޮ ދުޢާއާއި، ނަފްސާނީ ހަމަޖެހުން ކަމަށްވާތީއެވެ. އެފަދަ ނާޒުކު ދަނޑިވަޅެއްގައި އެމީހެއްގެ ޒާތީ މަޢުލޫމާތު އާންމުކޮށް، ފާޑުކިޔުމުގެ މައުޟޫޢަކަށް ހެދުމަކީ އެމީހެއްގެ އިންސާނީ ކަރާމަތަށް އަރައިގަތުމެވެ.
ދައުލަތުގެ ފައިސާ ޚަރަދުވާ ގޮތް ބެލުމާއި، ނިޒާމުގެ ތެރެއިން ހިނގާ ކޮރަޕްޝަނާއި ބޭއިންޞާފު ހުއްޓުވުމަށް އަޑުއުފުލުމަކީ ރައްޔިތުންނާއި ނޫސްވެރިންގެ ޒިންމާއެކެވެ. އެހެންނަމަވެސް، ނިޒާމީ މައްސަލަތަކަށް ފާޑުކިޔުމާއި، ވަކިވަކި ފަރުދުންގެ ބަލިޙާލަތުގެ ތަފްޞީލުތައް އާންމުކޮށް ފަލީހަތްކުރުމަކީ މުޅިން ތަފާތު ދެކަމެކެވެ. އުޞޫލުތަކުގެ ތެރެއިން، ކަނޑައެޅިފައިވާ މިންގަނޑުން ބޭސްފަރުވާގެ އެހީ ލިބޭ ކޮންމެ މީހަކީ އެއީ ވެރިއަކަސް އަދި އާންމު ރައްޔިތަކަސް އެ އެހީ ޙައްޤުވާ މީހެކެވެ.
އަޅުގަނޑުމެންގެ ފަރުދީ ޒިންމާ ތަހުޒީބު، އިސްލާމީ މުޖުތަމަޢެއްގެ ގޮތުގައި އަޅުގަނޑުމެން ދެމިތިބުމަށްޓަކައި، ސިޔާސީ ޚިޔާލު ތަފާތުވުންތަކުގެ މައްޗަށް އިންސާނިއްޔަތުކަން އިސްކުރަން ޖެހެއެވެ.
ޚަބަރުފެތުރުމުގައި އިންސާނީ ކަރާމަތާއި އަޚްލާޤީ މިންގަނޑުތައް ހިފަހައްޓަން ޖެހެއެވެ. ކްލިކްތަކާއި ސަމާލުކަން ހޯދުމަށްޓަކައި މީހުންގެ ބަލިޙާލަތު ވިއްކައިގެން ނުވާނެއެވެ.
މުއައްސަސާތަކުން ރައްޔިތުންގެ ޒާތީ މަޢުލޫމާތާއި ޞިއްޙީ ރެކޯޑުތައް ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ކަށަވަރުކުރަން ޖެހެއެވެ.
އާންމު ފަރުދުން މީސްމީޑިއާގައި ފެންނަ ކޮންމެ ވާހަކައެއް ފެތުރުމުގެ ބަދަލުގައި، އަނެކާގެ ޙާލަތާމެދު ވިސްނައި، އޯގާތެރިކަން އިސްކުރަން ޖެހެއެވެ.
































