2005 ވަނަ އަހަރުން ފެށިގެން އުރީދޫ މޯލްޑިވްސްއިން ވަނީ ރާއްޖޭގެ ޑިޖިޓަލް ދަތުރުގައި އެއްވެސް ފަރާތެއް ބާކީނުކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. އެ ކުންފުނިން ކުރާ ކޮންމެ ކުރިއެރުމެއްގައި ވެސް ފަންނީ ވަޞީލަތްތައް ހުރިހާ އެންމެނަށް ފޯރުކޮށްދިނުމަށް ވަނީ އިސްކަންދީފައެވެ.
ދިވެހިރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސަބްމެރިން ކޭބަލް ލޭންޑިންގއެއް ރަސްމީކޮށް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތެއް ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓްގައި ބާއްވައިފިއެވެ. މި ތާރީޚީ ރަސްމިއްޔާތުޝަރަފުވެރިކޮއްދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤު އިބްރާހިމް އެވެ.
މިކަމާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރ ޠާރިޤު އިބްރާހިމް ވިދާޅުވެފައިވަނީ، 2005 ވަނަ އަހަރުން ފެށިގެން އުރީދޫ މޯލްޑިވްސްއިން ޑިޖިޓަލް ދަތުރުގައި އެއްވެސް ފަރާތެއް ބާކީނުކުރުމަށްޓަކައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެ ކުންފުނިން ކުރާ ކޮންމެ ކުރިއެރުމެއްގައި ވެސް ވަނީ ފަންނީ ވަޞީލަތްތައް ހުރިހާ އެންމެނަށް ފޯރުކޮށްދިނުމާއި ހިމެނުންތެރިކަމަށް އިސްކަންދީފައެވެ. އަދި މި ސަބްމެރިން ކޭބަލް ލޭންޑިންގއަކީ އުރީދޫއިން ހާސިލްކުރި އަނެއް ފަޚުރުވެރި މަންޒިލެއް ކަމަށާއި، ޚާއްސަކޮށް ޓޫރިސްޓް ރިޒޯޓެއްގައި މިފަދަ ކޭބަލެއް ލޭންޑްކުރެވުނު ފުރަތަމަ ފަހަރު ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ރާއްޖެއަކީ ފުރިހަމައަށް ގުޅިފައިވާ، މުސްތަޤުބަލަށް ތައްޔާރުވެފައިވާ ޤައުމަކަށް ވެގެން ދިޔުމަށް އިތުރަށް ގާތްވެގެންދާނެ ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢަކީ ދިވެހިރާއްޖޭގެ މުވާސަލާތީ ދާއިރާއަށް އުރީދޫ މޯލްޑިވްސް އިން ހާސިލުކުރި ބޮޑު ކާމިޔާބީއެކެވެ. މި ސަބްމެރިން ކޭބަލް ލޭންޑިންގެ ސަބަބުން ދިވެހިރާއްޖޭގެ އިންޓަރނެޓްގެ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވެ، ޑިޖިޓަލް ކޮމިއުނިކޭޝަންގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

































