ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް، އެންސްޕާ މެދުވެރިކޮށް ދާ ބަލި މީހުންނަށް ބޭންކުތަކުން 2000 ޑޮލަރާ ހަމައަށް ޑޮލަރު ލިބޭނެ ގޮތް ހަމަޖައްސައިފިއެވެ.
އެންސްޕާ މެދުވެރިކޮށް ރާއްޖެއިން ބޭރަށްދާ ބަލިމީހުންނަށް ލިބޭ ޑޮލަރުގެ މިންވަރު އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނިންމަވާ އެކަން އިއުލާންކުރައްވާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.
ބޭސްފަރުވާއަށް ދާ މީހުންނަށް ޑޮލަރު ގަންނަން ލިބޭނީ އިންޓަނެޓް ނުވަތަ މޯބައިލް ބޭންކިން އެޕް މެދުވެރިކޮށް އެކަމާ ގުޅޭ ލިޔެކިޔުންތައް ހުށަހަޅައިގެންނެވެ. އާސަންދައިގެ ދަށުން ބޭހަށްދާ މީހެއް ނަމަ ބަލިމީހާ އަދި އެހީތެރިޔާގެ ޓިކެޓް އަދި ޕާސްޕޯޓް ކޮޕީގެ އިތުރުން އާސަންދަ އެޕްރޫވަލް ނުވަތަ ރިކޮމެންޑޭޝަން ލެޓާ ހުށަހަޅަން ޖެހޭނެ އެވެ.
އެންސްޕާގެ އެހީ ލިބިގެންދާ މީހުން ޑޮލަރު ގަންނަން އެންސްޕާއިން އެހީ ހަމަޖެހުނު ކަމުގެ ލިޔުން، ބަލިމީހާ އާއި އެހީތެރިޔާގެ ޓިކެޓާއި ޕާސްޕޯޓް ކޮޕީ ހުށަހަޅަންޖެހޭނެ އެވެ.
އެއްވެސް އެހީއެއް ނުލިބި އަމިއްލަ ހަރަދުގައި ބޭހަށްދާ މީހަކު ނަމަ ރާއްޖެއިން ބޭރުން ފަރުވާ ހޯދަންޖެހޭ ކަމަށް ބަޔާންކޮށް ޑޮކްޓަރު ދީފައިވާ ލިޔުން އަދި މި ލިޔުމުގައި ބައްޔާއި ބަލީގެ ހިސްޓްރީ އެނގެން ނެތް ނަމަ އެކަން އެނގޭނެ ވަކި ލިޔުމެއް، ޑޮކްޓަރުގެ ނުވަތަ ފަރުވާގެ އެޕޮއިންޓްމެންޓް ހަމަޖެހިފައިވާ ކަމުގެ ލިޔުން، ބަލިމީހާގެ ޓިކެޓާއި ޕާސްޕޯޓް ކޮޕީ ބޭނުންވާނެ އެވެ.
އެންސްޕާ މެދުވެރިކޮށް ރާއްޖެއިން ބޭރަށްދާ ބަލިމީހުންނަށް ލިބޭ ޑޮލަރުގެ މިންވަރު އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނިންމެވީ ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށްދާ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި ލުއިފަސޭހަކޮށް ދިނުމުގެ ގޮތުންނެވެ.

































