ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ އަތުލިޔުއްވުމަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ”ފޮންޓެއް“ ނެރުއްވަން ނިންމަވައިފިއެވެ.
މި ފޮންޓަށް ނަން ދެއްވާފައި ވަނީ މައުމޫންގެ ނަންފުޅުން ”މައުމޫން“ މި ނަމެވެ. ފޮންޓު ދައްކާލުމަށް ޚާއްޞަ މައުރަޒެއް މިމަހުގެ 22 ވަނަ ދުވަހު މާލޭ އާޓް ގެލަރީގައި އޮންނާނެކަމަށް މައުމޫން ފައުންޑޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
އިސްލާމީ މަރުކަޒުގައި ޢަރަބި ބަހުން ލިޔުއްވާފައި ހުރި ބައެއް ލިޔުންތަކަކީ ރައީސް މައުމޫންގެ އަތްޕުޅުން ލިޔުއްވާފައިވާ ލިޔުންތަކެވެ. އަދި އިސްލާމީ މަރުކަޒުގެ ނަން ބޯޑް ވެސް ލިޔުއްވާފައި ވަނީ ރައީސް މައުމޫން އެވެ. މިއީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމު އަދާކުރެއްވި ބޭފުޅެއްގެ އަތުލިޔުއްވުމަށް ބިނާކޮށް ފޮންޓެއް ތައްޔާރުކުރެއްވި ފުރަތަމަ ފަހަރެވެ.
މައުމޫން ފައުންޑޭޝަނުން ބުނި ގޮތުގައި ރައީސް މައުމޫނުގެ އަތުލިޔުއްވުމަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފޮންޓު ފަރުމާކުރީ ދިވެހި ފޮންޓުތައް ތައްޔާރުކުރުމުގެ މަސައްކަތްކުރާ ދިވެހިޓައިޕް ފައުންޑްރީންނެވެ.

































