ރަމަޞާން މަހާއި ދިމާކޮށް ބިހާއި އަލުވި ހެޔޮ އަގުގައި އެސްޓީއޯ އިން ވިއްކަން ފަށައިފިއެވެ.
އެސްޓީއޯއިން ބިސް ކޭހެއް މިހާރު ވިއްކަން ހަމަޖެހިފައިވަނީ 320 ރުފިޔާއަށެވެ. އަލުވި ބަސްތާއެއް ވިއްކާނީ 310 ރުފިޔާއަށްކަމުގައި އެ ކުންފުނިން ބުނެފައިވެއެވެ.
ވަކިން ރީޓެއިލުކޮށް އެސްޓީއޯގެ ޕީޕަލްސް ޗޮއިސްއިން ބިހެއް 2 ރުފިޔާއަށް އަލުވި ކިލޯއެއް 18 ރުފިޔާއަށް ގަންނަން ލިބޭނެކަމަށް އެސްޓީއޯއިން ބުނެއެވެ.
ފިޔާ ބަސްތާއެއް 319 ރުފިޔާއަށް ވިއްކާއިރު، އެސްޓީއޯ ހޯލްސޭލް ސެންޓަރާއި އިންޑަސްޓްރިއަލް ވިލެޖު ޒޯނުގައި ހުންނަ އެސްޓީއޯގެ ވެއާހައުސްއިން ފިޔާވެސް ހޯލްސޭލްކޮށް ވިއްކާނެއެވެ. އަދި އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ފިޔާ ކިލޯއެއް 14 ރުފިޔާއަށް ލިބޭނެއެވެ.
އެސްޓީއޯ ހޯލްސޭލް ސެންޓަރާއި، އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ އެސްޓީއޯ ވެއާހައުސްއިން ހޯލްސޭލުކޮށް އެތަކެތި ވިއްކުމުގެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖެހިފައެވެ.

ރަމަޟާން މަހަށް ޚާއްޞަކޮށް އެސްޓީއޯއިން އިމްޕޯޓްކުރާ މައިގަނޑު ތަކެތީގެ ތެރޭގައި ފިޔާ، ބިސް އަދި އަލުވި ހިމެނެއެވެ. މި ތަކެތި އިމްޕޯޓްކުރުމުގެ މައިގަނޑު ބޭނުމަކީ ރޯދަމަހު މި ތަކެތީގެ އަގު އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުން ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.
އެސްޓީއޯއިން ބުނި ގޮތުގައި ބާޒާރުގެ އަގަށް ބަލައި އެތަކެތީގެ އަގުތަކަށް ބަދަލުގެނެވޭނެކަމަށެވެ. އަދި ވަކިވަކި ސަރަހައްދުތަކުގައި ބާޒާރުގެ އަގުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން އެ ސަރަހައްދުތަކުގައި ތަކެތި ވިއްކާ އަގަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
ސަރުކާރުން ގެންދަވަނީ ރަމަޟާން މަހުގައި މުދަލުގެ އަގުތައް ބޮޑުވިޔަނުދީ ހިފަހެއްޓެވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅުއްވަމުންކަން ފާހަގަކޮށްލެވެއެވެ. އެގޮތުން 141 ބާވަތެއްގެ މުދަލެއް ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާ، އެތަކެތީގެ އަގުބޮޑުވިޔަ ނުދިނުމަށްޓަކައި އަގުތައް ބެލެހެއްޓުމުގެ މަސައްކަތް އިޤްތިޞާދީ ތަރައްޤީއާއިބެހޭ ވުޒާރާއިން ދަނީ ކުރައްވަމުންނެވެ. އޭގެތެރޭގައި ކެއުމަށް ނުވަތަ ކާތަކެތި ތައްޔާރުކުރުމަށް ބޭނުންކުރާ 93 ބާވަތެއްގެ މުދަލާއި، މޭވާއާއި ތަރުކާރީގެ 38 ބާވަތަކާއި ކަނޑުމަހުގެ 10 ބާވަތެއް ހިމެނެއެވެ.

































