ގައުމީ ޔުނިވަސިޓީގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ރާސްތާ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވައިފިއެވެ.
މި ޕްރޮގްރާމް ނިންމުމަށް، އެމްއެންޔޫ އޮޑިޓޯރިއަމްގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީންއެވެ.
މި ފެބުރުވަރީ މަހުގެ 13 އިން 16 އަށް ދ. ވާނީގައި ކުރިއަށް ގެންދިޔަ ރާސްތާ ޕްރޮގްރާމުގައި، ގައުމީ ޔުނިވަސިޓީގެ އެކި ކޯސްތައް ހިމެނޭގޮތަށް 69 ދަރިވަރުން ބައިވެރިވިއެވެ. މި ޕްރޮގްރާމުގައި، ސަވައިވަލް، ޓީމް ބިލްޑިންގ، ސެލްފް ޑިފެންސް، ލީޑަޝިޕް،، ވޮލަންޓިއަރިޒަމް، ފިޒިކަލް ފިޓްނަސް، ރިވެތި އަދަބު، ގައުމިއްޔަތު އަދި ދީނީ ދަރުސް ކުރިއަށް ގެންގޮސްފައިވެއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓާއި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް އަދި ގައުމީ ޔުނިވަސިޓީ ގުޅިގެންނެވެ.
ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ދެއްކެވި ވާހަކަފުޅުގައި، ރާސްތާ ޕްރޮގްރާމުން ދިރިއުޅުމުގެ ވައްޓަފާޅި ދަސްވެ މީހުންނަށް އިހުތިރާމުކުރުމަށާއި ޒިންމާދާރުވުމަށާއި ކަންކަމުގައި އިސްނަގައި އަދި ގުޅިގެން މަސައްކަތްކުރުމަށް ދަސްވެގެން ދިޔަކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
އަދި މި ޕްރޮގްރާމުން ދަސްވި ކޮންމެ ފިލާވަޅަކީ އަމަލީ މައިދާނުގައި ބޭނުންކުރެވޭނެ މުހިންމު ފިލާވަޅަކަށް ވެގެންދާނެ ކަމަށާއި ގައުމިއްޔަތާއި ލީޑަރޝިޕް އަދި ރިވެތި އަދަބު އަހުލާގުން ޕާސަނަލް ކެރެކްޓަރ ބިލްޑުކުރުމަށް ސަޕޯޓާއި އިލްމީ ހުނަރު ލިބިގެން ދިޔަކަމަށް އުންމީދުކުރައްވާ ކަމަށާއި މީން ކޮންމެ ކަމަކީ ވެސް މުސްތަގުބަލު އުޖާލާވެގެންދާނެ ކަމެއްކަން ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި، ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އެގްޒެކެޓިވް ޑައިރެކްޓަރ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާންއާއި، ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓުގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާޠިމަތު ނަޝްވާއާއި، ގައުމީ ޔުނިވަސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އަދި ޔުނިވަސިޓީގެ ބައެއް އިސްވެރިންނާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮމިޝަންޑް ބައެއް އޮފިސަރުންނާއި އެހެނިހެން ފުލުހުންގެ އިތުރުން ރާސްތާ ޕްރޮގްރާމުގެ ބައިވެރިންނާއި މުދައްރިބުން ބައިވެރިވެލެއްވިއެވެ.

































