2008ވަނަ އަހަރުން ފެށިގެން ދިވެހިން ބަލައިގެންފައިވާ ޤާނޫނޫ އަސާސީ އާއި އެކު ދިވެހިންގެ ވެރިކަން ކުރުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައިސްފައި ވެއެވެ. ގިނަ ޕާޓީ އެކުލެވޭ ވެރިކަމެއް ކުރުމަށް މަގުފަހިވެ، ސިޔާސީ ޕާޓީތައް އުފެދި ޕާޓީތަކަށް ވެރިކަމަށް އައުމަށްޓަކައި މަސައްކަތް ކުރުމުގެ ފުރުޞަތު ފަހި ދެވިގެން ދިޔައެވެ. މިކަމުގެ ސަބަބުން އިސްލާމް ދީނުގެ އަސްލު އުޞޫލުތަކާއި ޚިލާފު ނުވާ ގޮތުގެ މަތީން ޤާނޫނާއި ޤަވާއިދުގެ ތެރެއިން ސަރުކާރުގެ ސިޔާސަތަށް ފާޑު ކިޔުން ހުޅުވިގެން ދިޔައެވެ. މާޒީގައި ސަރުކާރަށާއި ދައުލަތުގެ ކަންކަމާ ޙަވާލުވެ ތިބޭ މީހުންނަށް “ ސިއްރު ސިއްރުން“ ކިޔަމުން ދިޔަ ފާޑު ކިޔުންތައް ފާޅުގައި ހޮޅިއަށި ތަކާއި މައިޒާން ތަކަށް ބަދަލްވެ ހަމަ ކޮންމެ މީހަކަށްވެސް ފެންނަ ޚިޔާލެއް ދިނުމުގެ މަގު ފަހިވެގެން ދިޔައެވެ. ދިވެހިން އެއިގެ ކުރިން ބައިވެރި ވަމުން ދިޔައީ ކާވެނީގެ އުފަލުގައި ބާއްވާ ”ކާވެނި ޕާޓީ“ ތަކުގައި ކަމަށް ވީ ނަމަވެސް ، ރާއްޖެއަށް އައި ސިޔާސީ ބަދަލާއި އެކު ސިޔާސީ ޕާޓީތައް އުފެދި އެޕާޓީތަކުގައި ހަމަ ކޮންމެ ދިވހި ރައްޔިތަކަށް ބައިވެރި ވުމުގެ ފުރުޞަތު ލިބި ސިޔަސީ ޕާޓީތަކުގެ ފޯޑިއަމްތަކުގައި ބަސް ބުނުމުގެ ފުރުޞަތު މިވަނީ ދިވެހިންނަށް މަގު ފަހިވެފައެވެ. 2008 ނޮވެމްބަރ މަހުން ފެށިގެން ވެރިކން ކުރަމުން ދަނީ ސިޔާސީ ޕާޓީ އަކުންނެވެ. އެހިސާބުން އުފެދިގެން ދަނީ ވެރިކަން ކުރާ ޕާޓީ އާއި އިދިކޮޅު ޕާޓީއެވެ.
ސިޔާސީ ޕާޓީތަކަކީ ރަޖިސްޓްރީ ކުރެވިގެން ދައުލަތް ހިންގުމުގެ ބައެއް ކަމުގައި ބަލަން ޖެހެއެވެ. ދައުލަތުގެ ބަޖެޓުން ޚަރަދުކޮށް އަދި ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި އިދާރާއެއް ހަމަ ޖެހިފައިވެއެވެ. ވުމާއި އެކު ސިޔާސީ ޕާޓީ ތަކަކީ ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ޝާމިލްވާ ހަރަކާތެކެވެ. ވެރިކަން ކުރާ ޕާޓީ ކަމަށް ވިޔަސް އަދި އިދިކޮޅު ޕާޓީތައް ކަމަށްވިޔަސް ސިޔާސީ ޕާޓީތަކާއި މެދު ބަލަން ޖެހެނީ އެއީ ދައުލަތް ހިންގުމުގައި މުހިއްމު ރޯލެއް އަދާ ކުރާ ބައެއްގެ ގޮތުގައެވެ. ސިޔާސީ ޕާޓީތައް އުފައްދަނީ ވެރިކަން ކުރުމަށާއި ވެރިކަމަށް އައުށާއި ވެރިކަމުގައި ނެތް ޙާލަތެއްގައި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާ އެކަން ރައްޔިތުންނަށް ވިސްނައި ދިނުމަށެވެ.
އެވަގުތެއްގައި އޮންނަ ސަރުކާރު މަގުން ކައްސާލަމުން ދާނަމަ ހަމަ މަގަށް އަޅުވައި ސަރުކާރުން ހިންގާ ނުރަގަޅު ކަންތައް ރައްޔިތުންނަށް ތިލަ ކޮށްދިނުމުގައި މުހިއްމު ރޯލެއް އަދާކުރާ ބަޔަކީ އިދިކޮޅު ސިޔާސީ ޕާޓީތަކެވެ. ނުވަތަ އެވަގުތަ ސަރުކާރު ހިންގުމާ ދުރުގައި އޮންނަ ޕާޓީއެވެ. ސަރުކާރެއް ފެށިގެން ދަނީ ރައްޔިތުން ވޯޓުން ކަމަށްވީނަމަވެސް ހަމަ ކޮންމެ ރައްޔިތަކަށް ހަމަ ކޮންމެ ދުވަހަކު ނުކުމެ ސަރުކާރު ހިންގާ ގޮތް ބަލާ އެކަމަށް ފާރަ ވެރިވުމަކީ ދަތި ކަމެކެވެ. ވީމާ ސަރުކާރަށް ފާރަ ވެރިވެ ސަރުކާރު އަމަލު ކުރަމުން ދާ ގޮތް ދުރުމި އަޅައިގެން ތިބޭ އެއްބަޔަކީ އިދިކޮޅު ސިޔާސީ ޕާޓީ ތަކެވެ. ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ރައްޔިތުންނަށް ލިބެމުން ދާ ގެއްލުންތައް ހާމަކޮށް ދެނީ އިދިކޮޅު ޕާޓީ ތަކެވެ. ވީމާ ހެޔޮ ނިޔަތުގައި ހެޔޮ މަގުގައި ހިންގާ އިދިކޮޅު ޕާޓީއެއް ނަމަ ރައްޔިތުންނަށް އެކަމުގެ ހެޔޮ އަސަރު ކުރާނެއެވެ. އިދިކޮޅު ޕާޓީތަކުގެ ސަބަބުން ރައްޔިތުންނަށް ތަކުލީފު ވެދާނެ ކަމެއް ކުރުމަށް ސަރުކާރުތަކަށް ދަތިވާނެއެވެ. ޤާނޫނުގެ ބޭރުން ކަންކަން ކުރުމަށް ޖެހިލުން ވެގެން ދާނެއެވެ. ސަރުކާރުތަކުން ކޮރަޕްޝަނާ ކައިރިއަށް ދާން ޖެހިލުން ވަނީ ހަރަކާތްތެރި ރަގަޅު އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ސަބަބުންނެވެ. އިދިކޮޅު ސިޔާސީ ޕާޓީތަކުން ސަރުކާރުގެ ސިޔާސާތަށް ފާޑު ކިޔުމުގެ ސަބަބުން ސަރުކާރު ހިންގުމުގައި ގެންގުޅޭ ސިޔާސަތުތައް ބަދަލު ކުރަން މަޖުބޫރުވެއެވެ. ވަރަށް ގިނަ ފަހަރަށް ”ކުރިން ބުނި އެތި“ ކެންސަލް ކުރަން ސަރުކާރުތަކަށް ޖެހިފައި ވަނީ މަދެއްކޮށް ނޫނެވެ. އެކަމުގެ ސަބަބުން ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތް ދިނުމުގައި ސަރުކާރު ގެ ސްޕީޑް ބާރުވެގެން ދެއެވެ. ޑިފެންސް ވަރުގަދަކޮށް ކުރިއަށް ކުޅުން ހަލުއިކޮށްލަން ސަރުކާރަށް މަޖުބޫރު ވެގެން ދަނީ އިދިކޮޅު ސިޔާސީ ފާޑު ކިޔުމުގެ ސަބަބުންނެވެ. ވީމާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ސަބަބުން ސަރުކާރަށް ލިބޭނީ ދުޅަ ހެޔޮކަމެވެ. ރައްޔިތުންނަށް ލިބޭނީ ފައިދާއެވެ.

































