ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ އޮފީސް ހުޅުވައިފިއެވެ.
މި އޮފީސް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ.
ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ އޮފީހަކީ ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ ނަމުގައި ޤައުމިއްޔަތުގެ އެކި ބަހާތައް ކިޔަވައިދޭ ކޮލެޖާ ގުޅިގެން ހުޅުވި އޮފީހެކެވެ.
މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވަނީ ދިވެހި ޤައުމިއްޔަތުގެ އިސްވަރު ކޮލެޖު އެކުލެވިގެންވާ 5 ދާއިރާ އިފްތިތާޙްކޮށްފައެވެ. އެއީ ދިވެހިބަހާއި، ދިވެހި ތާރީޚާއި، ދިވެހި ސުމޭކާއި ދިވެހި ތަރިކައާއި ދިވެހި ފަންނެވެ. މި ދާއިރާތައް ހިމެނޭގޮތުން ކޮލެޖުގެ ކައުންސިލެއް އުފައްދާ ކޮންމެ ދާއިރާއަކަށް ޑީންއެއް ނުވަތަ އިސްވާރެއްވަނީ އައްޔަންކުރައްވާފައެވެ.
ޤައުމިއްޔަތު ކޮލެޖުގެ އިސްވާރުން:
- ދިވެހިބަހުގެ އިސްވާރު – މަރްޔަމް ތައުފީޤާ
- ދިވެހި ތާރީޚުގެ އިސްވާރު – (ކަށިމާ) އަޙްމަދު ޝާކިރު
- ދިވެހި ތަރިކައިގެ އިސްވާރު – ޙަސަން ޒަރީރު
- ދިވެހި ސުމޭކުގެ އިސްވާރު – މުޙައްމަދު ޢަބްދުލްޤާދިރު
- ދިވެހި ފަންނުގެ އިސްވާރު – މަރްޔަމް ޢިޝާ ޢަޒީޒް
ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވީ އެ އޮފީހާއެކު ޤައުމިއްޔަތު ދިރިވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށެވެ. އެގޮތުން، ކޮންމެ އިސްވާރެއްވެސް އެ އިސްވާރެއް ނިސްބަތްވާ ދާއިރާތަކުން ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށާއި އެ ދާއިރާތަކާ ގުޅޭ މަހާސިންތާތައް ބާއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ދިވެހި ތާރީޚަށް ލޯބިކުރާ މީހުންގެ ވިއުގައެއް އެކުލަވައިލައްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާގެ ކާމިޔާބީ ފޮތްވެއް ނެރުއްވައިދެއްވާފައެވެ.


































