ބޭރުފައިސާގެ ޤަވާއިދަށް ގެނައި އިސްލާހު ބަދަލު ނުކުރައްވާނެ ކަމަށާއި 500 ޑޮލަރު މާރުކުރަންޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން ޒުވާނުންގެ މަރުކަޒުގައި އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައިބޭރުފައިސާގެ ޤަވާއިދަށް ބަދަލު ގެނައުމަށް ސަރުކާރުން ނިންމެވި ސަބަބުތަކުގެ މައްޗަށް ވަނީ އަލިއަޅުއްވާފައެވެ. އެގޮތުން ތެލަށް ކުރާ ޚަރަދާއި ކާބޯތަކެތީ ގަތުމަށް ކުރާ ޚަރަދުތައް އިންތިހާއަށް ބޮޑުކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ، ދައުލަށް ލިބޭ އާމްދަނީއަކުން މިކަންކަން ކުރުމަށް ދެކޮޅު ނުޖެއްސޭ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ބޭރުފައިސާގެ ޤަވާއިދަށް ގެނައި ބަދަލާޢެކު، މާރުކުރަން ސަރުކާރުން އެދެނީ އެންމެ ދިވެހި ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ ނިސްބަތުން އެންމެ 20 އިންސައްތަ ކަމަށެވެ. އެހެން ކަމުން ބޭރުފައިސާގެ ޤަވާއިދަށް ގެނައި އިސްލާހު ބަދަލު ނުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”އަޅުގަނޑުމެން ނެތީން މި ޤަވާއިދު ބަދަލު ކުރަން. ވަރަށް ސާފުކޮށް މި ދެންނެވީ ޤަވާއިދު ބަދަލެއް ނުކުރާނަމޭ. 500 ޑޮލަރު މާރުކުރައްވަން ޖެހިވަޑައިގަންނަވާނެއޭ. ޤަވާއިދަށް ތަބާވުމަކީ އެންމެންގެ މައްޗަށް ލާޒިމް ކަމެކޭ. މިކަން ކުރައްވަން ޖެހިވަޑައިގަންނަވާނެއޭ. މިއީ ޤާނޫނު އަސާސީއާއި އެއްގޮތަށް ކުރާކަމެއް. ޤާނޫނުތަކާއި އެއްގޮތަށް ކުރާކަމެއް. މިކަން އިތުރަށް ތަންފީޒުކުރުމަށް ފަހިކޮށްދިނުމަށް އެކަމަށް ހާއްސަ ފޮރެކްސް ޤާނޫނެއް މަޖިލިސް ތެރެއިން ފާސްކޮށްދޭނަން މި ސަރުކާރުން އޮންނާނީ 100 ޕަސެންޓް ރައްޔިތުންނާއި އެކު. އެކަމުގައި ސުވާލެއްވެސް ނެތް“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެމްއެމްއޭއިން އަލަށް އަމަލުކުރަން ފެށި ބޭރުފައިސާ ގަނެ ވިއްކުމުގެ ވިޔަފާރިއާ ބެހޭ ޤަވާއިދަކީ 1987 އިން ފެށީގެން އަމަލުކުރަމުން އައި ޤަވާއިދުގެ ބަދަލުގައި ޢަމަލުކުރަން ފެށި އައު ޤަވާއިދެކެވެ. މި ޤަވާއިދުގެ އެންމެ ބޮޑު ބޭނުމަކީ ބޭރުފައިސާ ގަނެވިއްކުމުގެ ވިޔަފާރި ބެލެހެއްޓުން މިހާރަށްވުރެ ހަރުދަނާކޮށް އެ ވިޔަފާރި ހިންގުމުގައި ޒަމާނީ އުސޫލުތަކެއް ކަނޑައެޅުމެވެ.
އައު ޤަވާއިދުގެ ދަށުން ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަން ދެ ގިންތިއަކަށް ބަހާލައި، އެއިން ކޮންމެ ތަނަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް ކަނޑައެޅޭ ވަކި މިންވަރަކަށް ބޭރު ފައިސާ ބޭންކިން ނިޒާމުގެ ތެރެއަށް މާރުކުރުމަށް ޤަވާއިދުގައި ވަނީ ހިމަނާފައެވެ.
ބޭރު ފައިސާއާބެހޭ ޤަވާއިދުގެ ތެރެއިން އޭ ކެޓަގަރީގެ ތެރޭގައި ހިމަނާފައިވަނީ، ރިސޯޓުތަކާއި، ބޮޑެތި ހޮޓާތަކާއި ޓުއަރިސް އުޅަނދުތަކެވެ. މި ތަންތަނުން ކޮންމެ ފަތުރުވެރިޔަކަށް 500 ޑޮލަރުގެ ރޭޓުން ބޭންކަށް ރުފިޔާ މާރުކުރަން ލާޒިމް ކުރެއެވެ.

































