މަޖީދިއްޔާ ސްކޫލުގެ ސްޓޫޑެންޓް ޔޫނިއަންގެ ދަރިވަރުންނަށް ލީޑަޝިޕް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މި މަހު 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަނަކީ ކްރައިމް ޕްރިވެންޝަނާއި މަޖީދިއްޔާ ސްކޫލު ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.
ދަރިވަރުން އެކި ކަންކަމަށް ލޯހުޅުވައި، ޒިންމާދާރުކުރުވައި އަދި މައުލޫމާތުގެ ޚަޒާނާ މުއްސަނދިކުރުމަށް ކުރިއަށް ގެންދިޔަ މި ސެޝަނުގައި ލީޑަޝިޕްއާ ގުޅޭގޮތުން މުހިންމު މައުލޫމާތުތަކެއް ދަރިވަރުންނާ ހިއްސާކޮށްފައިވެއެވެ.

އެގޮތުން، ލީޑަރޝިޕްއަކީ ކޮބައިކަމާއި ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭނެ ސިފަތަކާއި ލީޑަރެއްގެ ގޮތުގައި
މަސައްކަތްކުރާނެ ގޮތްތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ލީޑަރެއްގެ ޒިންމާތަކާއި، ކޮލިޓީ ލީޑަރެއްގެ ދަށުގައި މަސައްކަތްކުރުމަށް ފަސޭހަވާނެ ގޮތްތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑި ހާސިލުކުރުމަށް ލީޑަރެއްގެ ގޮތުގައި ކުރެވިދާނެ ކަންކަމާއި ސްކޫލާއި ސްކޫލުން ބޭރުގައި ލީޑަރެއްގެ ގޮތުގައި ޒިންމާ އަދާކުރުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ.
މީގެ އިތުރުން، ކޮންމެ ދަރިވަރަކު ވެސް އަމިއްލައަށް ޒިންމާއަދާކުރުމާއި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އެއްބައިވަންތަކަން އިސްކުރުމަށާއި ތައުލީމު އުނގެނުމުގައި ހޭދަކުރާ މާހައުލުގައާއި އެނޫންވެސް ވަގުތުތަކުގައި އެއްކުއްޖަކު އަނެއް ކުއްޖަކަށް އިހުތިރާމު ކުރުމުާއި އެކުވެރިކަން އާލާކޮށް ހިތްވަރާއެކު ކިޔެވުމަށް ނަސޭހަތްތެރިވެފައިވެއެވެ.
މި ސެޝަނުގައި އެ ސްކޫލުގެ 16 ފިރިހެން ދަރިވަރާއި 18 އަންހެން ދަރިވަރުން ބައިވެރިވިއެވެ.

































