ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އަމަލުކުރި ގޮތުގެ ސަބަބުން، މި ސަރުކާރުން ފުލެޓު އަޅާނެ އެއްވެސް ބިމެއް ނެތް ކަމަށް، ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވިލިމާލޭ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު އިސްމާޢީލް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މުއްޠަލިބު ވިދާޅުވީ، މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި އެތައް އާއިލާއެއް ދިރިއުޅެމުން އަންނަނީ ދަތި ހާލުގައި ކަމަށެވެ.
އެހެން ނަމަވެސް ކުރީ ސަރުކާރުން ލިބެންހުރި ހުރިހާ ބިންތަކެއް ރައްޔިތުންނަށް ގޯތި ގޮތުގައި ދީފައިވުމުން މި ސަރުކާރުގައި ފްލެޓް އަޅާނެ އިތުރު ބިމެއް ނެތްކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
މިދިޔަ ރިޔާސީ އިންތިޚާބާ ގާތްކޮށްފައި ޞާލިޙުގެ ވެރިކަމުން ވަނީ, މާސްޓާ ޕްލޭނާ ހިލާފަށް ހުޅުމާލެ އާއި މާލެ ސަރަހައްދުގެ އެހެން ބިންތައް ވެސް ހިލޭ ބަހާލައިފައެވެ. އަދި މާލެ ސަރަހައްދުން ނުވެސް ހިއްކާ ހުރި ފަޅުފަޅުން ވެސް ބިންތައް ބަހާލިއެވެ.
މުއްޠަލިބު އިތުރަށް ވިދާޅުވީ، ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި ފުލެޓު އެޅުމަށް ކަނޑައަޅައިފައި ހުރި ބިންތަކުގައި ޓަވަރުތައް ނެގޭނީ އެންމެ ދިގުވެގެން 14 ބުރިއަށް ކަމަށް ސިވިލް އޭވިއޭޝަން މިނިސްޓްރީން ކަނޑައެޅީ ވަރަށް ފަހުން ކަމަށެވެ. އެހެންވެ، މުއްޠަލިބު ވިދާޅުވިގޮތުގައި، 17 ބުރީގެ ޓަވަރުތައް އަޅަން ނިންމި ނަމަވެސް، ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ނިންމުމާ ގުޅިގެން ކޮންމެ ޓަވަރަކުން ތިން ބުރި ކަނޑައިލައި، ފުލެޓު އަޅަން އިތުރު ބިން ހޯދަން ވަނީ ޖެހިފައެވެ.
އޭގެ އިތުރުން މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ވިލިމާލޭގައި އިމާރާތް ކުރާ، 300 ހައުސިން ޔުނިޓްގެ ޓަވަރުތައް އަޅަން ނިންމައިފައިވާ ސަރަހައްދާ ގުޅޭ ގޮތުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް، އޭގެ ތެރެއިން އެއް ޓަވަރު އެހެން ސަރަހައްދެއްގައި އަޅަން ނިންމި ނިންމުމަށް އިޝާރާތްކުރައްވައި މުއްޠަލިބު ވިދާޅުވީ، އެއްވެސް އިރެއްގައި ވިލިމާލޭގެ ފުނަގަސް ކެނޑުމުގެ ޕްލޭނެއް ސަރުކާރުގެ ނެތް ކަމަށެވެ.
ތިންވަނަ ޓަވަރު އެޅުމަށް އޭރު ކަނޑައެޅި ސަރަހައްދުގައި ހުރި ބައެއް ގަސްގަހާއިގެހީގެ ގޮފިތައް ކަނޑައިލަން ޖެހޭ ކަމަށް ވިދާޅުވެ، މުއްޠަލިބު ވިދާޅުވީ، ފުނަވަލުގެ މައްސަލައިގައި ވަކާލާތުކުރި ފަރާތްތަކުގެ ކަންބޮޑުވުންތަކާ ގުޅިގެން ތިންވަނަ ޓަވަރު އަޅާ ސަރަހައްދު ބަދަލުކުރަން ނިންމީ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި، ހައުސިން މިނިސްޓްރީން ކުއްޔަކާ ނުލައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ދީފައިވާ ބިމުގައި، 300 ހައުސިން ޔުނިޓް އަޅަން ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ)އާއެވެ. އެ މަޝްރޫއުގެ ބިންގާ މިދިޔަ މާރިޗު މަހުގެ 26ގައި ވަނީ އަޅައިފައެވެ.


































