ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ހަތް ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް އެމްއޯޔޫތަކެއްގައި ސޮއިކޮށްފިއެވެ.
މި އެމްއޯޔޫތަކުގައި ސޮއިކުރީ ލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކަގެ ދައުވަތަކަށް ރައީސް ޑރ. މުއިއްޒު އަދި އަނބިކަނބަލުން ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި ލަންކާގެ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެމްއޯޔޫތަކުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހާރިޖީ ވަޒީރު އިރުތިޝާމް އާދަމާއި ރާއްޖެއިން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދެވެ. ލަންކާ އާއި ރާއްޖެއާ ދެމެދުގައި އެކި ދައިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް އެގައުމުގެ ވަޒީރުންގެ މަޖިލީހުންވެސް ވަނީ ރުހުން ދީފައެވެ.
އެގޮތުން ދެ ޤައުމުގެ ދެމެދުގައި ސޮއި ކުރެވުނު އެމްއޯޔޫތަކުގެ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ، ފަތުރުވެރިކަމުގެ ދާއިރާ، އާކައިވިން ކޯޕަރޭޝަން، ޓީޗަރުންނާއި ސްކޫލް ލީޑަރުން ތަމްރީން ކުރުމާއި، ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް، ކުޅިވަރާއި ޒުވާނުންގެ ދާއިރާ، ދިފާއީ ދާއިރާ، ޑިފެންސް އެޑިއުކޭޝަން، ޓެރެއިނިން އެންޑް ރީސާޗް ކޯޕަރޭޝަން، އެކަޑަމިކް ކޯޕަރޭޝަންގެ ދާއިރާތައް ހިމެނެއެވެ.
ރައީސްގެ ދެ ކަނބަލުން އިއްޔެ ލަންކާ އަށް ކުރެއްވި ދަތުރުފުޅު އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެ ދަތުރުފުޅުގައި ކެބިނެޓުގެ ބައެއް ވަޒީރުންނާއި ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ބޭފުޅުން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެެވެ.
ލަންކާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސްގެ ދެކަނބަލުންނަށް އެ ޤައުމުގެ ސަރުކާރުން ރަސްމީކޮށް މަރުހަބާ ކިޔުން ކުރިއަށް ގެންގޮއްސައިވަނީ ހޯމަދުވަހުއެވެ.
ރައީސް ވަނީ ސްރީލަންކާ ސަރުކާރުންނާއި ރައްޔިތުން އެމަނިކުފާނަށް ވިދާޅުވި ހޫނު މަރުހަބާއަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް ކުރައްވާ މި ދަތުރުފުޅަކީ، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް، ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.
ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެ ވަނީ 2025 ޖުލައި 28 އިން 30 އަށް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފައެވެ.
އެދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ކުރެއްވި ދަތުރުފުޅެކެވެ.


































