އެމްޑީޕީގެ ގިނަ މެމްބަރުންގެ ތާއީދު އޮތް ފަޅި އެނގޭނީ ޕާޓީގެ ޗެެއާޕާސަން އިންތިހާބު އަވަހަށް ބާއްވައިގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ނަޝީދުގެ ކެމްޕެއިނަށް މިއަދު ޕާޓީގެ ބައެއް މެމްބަރުންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި އެ މަނިކުފާނާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އާ މެދު ވެސް ހިތްހަމަނުޖެހޭ ބަޔަކު އެބަތިބި ކަމަށެވެ. ޕާޓީ ތެރޭގައި ގިނަ ބިޔަކު ތިބީ އެ މަނިކުފާނުގެ ފަޅީގައިކަން ނުވަތަ އިބޫގެ ފަޅީގައިކަން އެނގޭނީ މި އިންތިހާބު އަވަހަށް ބާއްވައިގެން ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެހެން ނޫނީ ޕާޓީގެ މަސްލަހަތު އަނެއްކާވެސް ގެއްލިދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
”މި އިންތިހާބު ނުބާއްވައިފިއްޔާ މާ ގޯސްވާނެ. ހަމަ އަސްލަ އުނދަގޫ. މިހާރު މިސާލަކަށް އެއްބަޔަކު އެބަތިބި ރައީސް ސޯލިހަށް ހަމަ އެއްގޮތަކަށް ވެސް ހިތްހަމަނުޖެހޭ ބައެއް، އަޅުގަނޑުމެންގެ ޕާޓީގެ ތެރޭގައި. އަނެއް ބަޔަކު އެބަތިބި އަޅުގަނޑާ ހަމަ އެއްގޮތަކަށް ވެސް ހިތްހަމަނުޖެހޭ ބައެއް، ހަމަ އަޅުގަނޑުމެންގެ ޕާޓީގެ ތެރޭގައި،“ ނަޝީދު ވިދާޅުވި އެވެ.
”އެހެންވީމަ މިކަމުގައި ރަނގަޅު ވޯޓެއް ނަގައި ހޯދަން ވެއްޖެތާ ކޮންބައެއްތޯ ގިނައީ.“ ނަޝީދު ވިދާޅުވިއެވެ.
ޗެއަރ ޕާރސަން އިންތިޚާބު އާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިހާބު ބާއްވަން ފައިސާއެއް ނެތް ކަމަށް ވިދާޅުވެ، އެ ދެ އިންތިހާބު ވެސް ރިޔާސީ ޕްރައިމަރީއަށް ފަހު ބޭއްވުމަށް ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ހުށަހަޅުއްވާފައި ވެއެވެ. ޣަފޫރުގެ މިހުށައެޅުއްވުމާއި އެކު ، ނަޝީދު ވަނީ އެ ޕާޓީގެ ލީޑަޝިޕާ ހަވާލުވެވަޑައިގަންނަވަން ޝައުގުވެރިކަން ވެސް ފާޅުކުރައްވައިފަ އެވެ.


































