ޔޫއޭއީއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުގައި ހުންނަނިކޮށް އެ މަޤާމުން ވަކިކުރެއްވި މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަންކަމުގެ މަޤާމަށް އައްޔަން ކުރައްވައިފިއެވެ.

މިނިސްޓަރެއްގެ ފެންވަރުގައި މުންދު އެ މަޤާމަށް އައްޔަން ކުރައްވައި އެ މަޤާމުގެ ފަތްކޮޅު އެރުއްވީ ރައީސްގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވި ރަސްމިޔާތުގައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނުގެ މަޤާމު ހުސްވީ ކުރިން އެ މަޤާމުގައި ހުންނެވި ޚަލީލު މި ހަފްތާތެރޭގައި އެ މަޤާމުން ވަކިކުރެއްވުމާއި ގުޅިގެންނެވެ. ޚާރިޖީއްޔާއަށާއި ދައުލަތަށް ގިނަ ޚިދުމަތްތަކެއް ކުރައްވައިފައިވާ މުންދު މީގެ ކުރިން ވަނީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައި އިސް ތަރުޖަމާނުކަން 2005އިން 2007އަށް، އަދި ރައީސްގެ ތަރުޖަމާނުކަން 2007އިން މައުމޫންގެ ދައުރު ހަމަވަންދެން ކުރައްވައިފައެވެ. އެއަށްފަހު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރެއްވިއެވެ.
އަދި ރާއްޖޭން ސްރީލަންކާއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުގެ މަގާމާއި ޔޫއޭއީގެ ސަފީރުކަމުގެ މަގާމުވެސް ވެސް މުންދުވަނީ ފުރުއްވައިފައެވެ.
ހަމައެއާއެކު ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ވެރިކަމުގައި ޔޫތު މިނިސްޓަރުކަން ވެސް ކުރައްވައި، މި ސަރުކާރުގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމުވެސް ފުރުއްވިއެވެ.

































