ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުން މާދަމާ އޮންނާނެއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވި ގޮތުގައި ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދާނީ މާދަމާ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އަދި މިއަދު އިރުއްސި ހަޔަކުން ފެށިގެން އާދިއްތަ ދުވަހުގެ އިރުއޮއްސި 6 ޖެހުމާ ހަމައަށް ކެމްޕެއިން ކުރުން މަނާވާނެ ކަމަށް ކޮމިޝަނުން ވިދާޅުވިއެވެ.
އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދާނީ މިއެޕްރީލް 4ވަނަ ދުވަހު ބޭއްވި އިލެކްޝަންގެ ނަތީޖާ އެއްވަރުވެފައިވާ ފަސް ދާއިރާއެއްގައެވެ. އެއީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް ކައުންސިލަރަކު ހޮވުމަށާއި ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑިއަށް ކައުންސިލަރަކު ހޮވުމަށް ބާއްވާ އިންތިހާބެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ.ކެލާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ހދ.ނޭކުރެންދޫ އަދި ލ.މާވަށު ކޮމިޓީގެ މެންބަރުގެ މަގާމަށް މެންބަރުން އިންތިހާބު ކުރުމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވަނީ އިންތިހާބުގެ ދެވަނަ ބުރުގައި 14 ވޯޓު ފޮއްޓެއް ބަހައްޓާނެ ކަމަށާއި އެއީ ދެވަނަ ބުރަށް ދިޔަ ދާއިރާތަކާއި މާލޭގައި ކަމަށެވެ. އެގޮތުން، ކެލާ އާއި މާވަށް އަދި ފުވައްމުލައް ދަޑިމަގު އަވަށުގެ ތެރެއިން ކޮންމެ ރަށެއްގައި ދެ ފޮށި، ނޭކުރެންދޫ އާއި ދޮންފަނުގެ ތެރެއިން ކޮންމެ ރަށެއްގައި އެއް ފޮށި ބަހައްޓަން އެ ކޮމިޝަނުން ނިންމާފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތުން ދައްކާ ގޮތުގައި މިފޮށިތަކުގައި 6093 މީހަކު ރަޖިސްޓްރީވެފައިވެއެވެ. އެގޮތުން އިންތިހާބުގައި ކެލާއިން 1،729 މީހުންނަށް، ނޭކުރެންދޫއިން 1،056 މީހުންނަށް، ދޮންފަނުން441 މީހުންނަށް، މާވަށުން1،556 މީހުންނަށް އަދި ފުވައްމުލަކު ދަޑިމަގު އަވަށުގެ އިންތިހާބުގައި 1،311 މީހުންނަށް މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.
މި ދާއިރާތަކަށް މާލޭގައި ހަ ވޯޓު ފޮށި ބަހައްޓާނެ ކަމަށާއިމީގެ ތެރޭގައި ކެލާ އަދި ދޮންފަނުގެ ރައްޔިތުން ވޯޓުލުމަށް ހާއްސަކޮށްފައިވާ ފޮށިތައް ތާޖުދިއްދީން ސްކޫލުގައި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، ނޭކުރެންދޫ އާއި މާވަށުގެ ވޯޓުފޮށިތައް ހިރިޔާ ސްކޫލުގައި އަދި ފުވައްމުލަކު ދަޑިމަގު އަވަށުގެ ވޯޓުފޮށި ދަރުމަވަންތަ ސްކޫލުގައި ބެހެއްޓުމަށް ވަނީ ނިންމާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެފައިވެއެވެ.


































