ދިވެހިރާއްޖޭގެ ރައްޔިތުންނަށް މިވަގުތު ތަސައްލީ ލިބެން އޮތީ ވިހި ވަނަ ރައްޔިތުންގެ މަޖިލިހުގެ ގޮނޑިތައް މިހާރު ފުރުއްވަމުން ގެންދަވާ ހުރިހާ މެމްބަރުން އިސްތިއުފާދެއްވައިގެން ކަމުގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ނައިބު ރައީސް އަދި ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް ވިދާޅުވެއްޖެއެވެ.

މީޑިޔާއަކަށް ދެއްވި އިންޓަރވިއުއެއްގައި ވާހަކަދައްކަވަމުން އައްބާސް ވިދާޅުވީ، ފާއިތުވެދިޔަ ދެ އަހަރު ވިހި ވަނަ މަޖިލީހުން ކުރި މަސައްކަތަށް ބަލާއިރު އެންމެ ރަނގަޅު ގޮތަކީ ހުރިހާ މެންބަރުން އިސްތިއުފާދެއްވުން ކަމަށެވެ.
އަދި މިހާރުގެ މަޖިލިސް އެއްކޮށް އިސްތިއުފާ ދެއްވުމަށްފަހު އައު މަޖިލިހެއް އެކުލަވާލައިގެން ނޫނީ ރައްޔިތުންނަށް ދިމާވެފައި ހުރި ބޮޑެތި ކަންބޮޑުވުންތަކަށް ތަސައްލީ ލިބޭނެ އެއްވެސް ގޮތެއް ނެތްކަމުގައި އައްބާސް ވިދާޅުވިއެވެ.
މީގެ އިތުރުން އައްބާސް ވަނީ މިހާރުގެ މަޖިލިހުގެ ތެރެއިން ”ނިމިދިޔަ ސަރުކާރު“ ނޫން ބަހެއް މެންބަރުންގެ ފަރާތުން އިވިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، އެފަދައިން ވާހަކަދައްކަވާ މެންބަރުން މަޖިލީހުގެ ކޮމިޓީތަކަށާއި އޭސީސީއަށް އެ މައްސަލަތައް ހުށަހަޅައިގެން ކުރީ ސަރުކާރުގައި ކޮރަޕްޝަން ހިންގި ވެރިންނަށް ލިބުނީ ކޮން އަދަބެއްތޯ ސުވާލުކުރައްވައިފައެވެ.
ހަމައެއާއެކު ސަރުކާރު ހިއްސާވާ ކުންފުނިތައް ކަމަށްވާ އެމްޓީސީސީއާއި އާރުޑީސީއާއި ފެނަކަ ފަދަ ކުންފުނިތަކުގެ ވެރިންނަށާއި، މިފަހުން ސަގާފަތާ ބެހޭ ވަޒީރުކަމަށް އައްޔަންކުރި އެންސްޕާގެ ކުރީގެ ސީއީއޯ ހީނާ ވަލީދަށް އާންމުން ބޮޑެތި ތުހުމަތުތަކެއްކުރާކަން އޭނާ ފާހަގަކުރެއްވިއެވެ.
































