ސްކޫލު ބަންދާއި އާ އަހަރާ ދިމާކޮށް، މާލެއިން ފުރާ އަދި މާލެއަށް އަންނަ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖަނަވަރީ 3 ވަނަ ދުވަހުގެ ނިޔަލަށެވެ.
ފުލުހުން ވިދާޅުވެފައިވަނީ، ސްކޫލް ބަންދާއި އައު އަހަރާ ދިމާކޮށް މާލެއިން އެކި ރަށްރަށަށް ދަތުރުކުރާ މީހުން ގިނަވާނެތީ، ޕަސިންޖަރުން ގޮވައިގެން ދަތުރުކުރާ ފެރީތަކާއި، މުދާ ބަރުކޮށްގެން ދަތުރުކުރާ އޮޑިދޯނިފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ މި އޮޕަރޭޝަންގެ މައިގަނޑު މަގުސަދު ކަމަށެވެ. މެރިން ޕޮލިހުން މި ހަރަކާތް ކުރިއަށް ގެންދަނީ ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ ގޮތުގައެވެ.
މި އޮޕަރޭޝަންގައި، ގްރޭޓާ މާލެ ސަރަހައްދުން ޕަސިންޖަރުން ގޮވައިގެން ދަތުރުކުރާ ފެރީތަކާއި، އަތޮޅުތަކަށް ފުރުމަށް ތައްޔާރުވަމުންދާ މުދާ އުފުލާ އޮޑިދޯނިފަހަރުގެ އިތުރުން، އެހެން އަތޮޅުތަކުން މާލެއަށް އަންނަ އޮޑިދޯނިފަހަރާއި ބޯޓުތައް ބަލައިފާސްކުރަމުން ދާނެއެވެ. އެގޮތުން، އެ އުޅަނދުތަކުގައި ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށްފައިވޭތޯ ބެލެމުންދާނެ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އެ އޮޕަރޭޝަންގެ ތެރެއިން، އޮޑިދޯނިފަހަރާއި ބޯޓުފަހަރު ފުރުމުގެ ކުރިން ރަނގަޅުކުރަންޖެހޭ ކަންކަން ކެޕްޓަނުންނަށް އަންގާނެއެވެ. އަދި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އުޅަނދުތަކުގެ ކެޕްޓަނުންނާއި ފަޅުވެރިން ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. ފުލުހުން ހާމަކުރި ގޮތުގައި ކަނޑު ދަތުރުފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިވެ، އެކަންކަން ތަންފީޒުކުރުމުގައި ކެޕްޓަނުންނާއި ފަޅުވެރިންގެ ފުރިހަމަ އެއްބާރުލުން ލިބުމުގެ މުހިއްމުކަމާ ބެހޭ ގޮތުންވެސް މައުލޫމާތު ދެމުންގެންދާނެއެވެ.
މި ހާއްސަ އޮޕަރޭޝަން ކުރިއަށް ގެންދަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)، މޯލްޑިވްސް އިމިގްރޭޝަން އަދި އެމް.އެން.ޑީ.އެފްގެ ކޯސްޓްގާޑުގެ އެހީތެރިކަމާ އެކުގައެވެ.

































