ޞައްޙަނޫން ޤާނޫނީ ވަކީލުކަމުގެ ހުއްދައެއް ތައްޔާރުކޮށް ބޭނުންކުރާކަމުގެ މައްސަލައެއް ޕޮލިހަށްހުށައަޅާއިވާކަމާއި އަދި އާންމުން ސަމާލުވުމަށް މޯލްޑިވްސް ބާ ކައުންސިލް އިން އެދެފިއެވެ.
މިކަން ހާމަކޮށްފައިވާނި، އިއްޔެ ބާ ކައުންސިލްގެ ރަސްމީ އެކްސް އެކައުންޓުގައި ހިއްސާކޮށްފައިވާ ނޫސްބަޔާނެއްގައެވެ. އެނޫސްބަޔާނުގައި ބުނެފައިވަނީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގައި މަސައްކަތްކުރާ ލ. ފޮނަދޫ، ހަވޭލި، ފާޠިމަތު ޠޫބާ ޢަބްދުﷲގެ ޤާނޫނީ ވަކީލުކަމުގެ ހުއްދައަކީ ބާ ކައުންސިލުން ދޫކޮށްފައިވާ ޤާނޫނީ ވަކީލުކަމުގެ ހުއްދައެއްތޯ ބެލުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އިން ބާ ކައުންސިލަށް ހުށަހެޅުމުން، އެކަން ބާ ކައުންސިލުން ބެލި ބެލުމުން އެފަރާތަކީ އެއްވެސް އިރެއްގައި ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކޮށްފައިވާ ފަރާތެއް ނޫންކަމުގައި ބާ ކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ.
އިތުރަށް ނޫސްބަޔާނުގައިވަނީ، ބާ ކައުންސިލުން އިތުރަށް ބެލިބެލުމުން ފާޠިމަތު ޠޫބާ ޢަބްދުﷲ އަށް ދޫކޮށްފައިވާކަމަށް ބުނާ ވަކާލާތުކުރުމުގެ ހުއްދައަކީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ނަމާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަމާއި ލޯގޯ ބޭނުންކޮށް، ވަކާލާތުކުރުމުގެ ހުއްދަ ނަންބަރު: 2020/22 ”ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ“ގެ ގޮތުގައި ތައްޔާރުކޮށްފައިވާ ލިޔުމެއްކަމާއި، އެ ލިޔުމުގައި ހިމަނާފައިވާ ސޮޔަކީ، އެ ތާރީޚުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި ފަނޑިޔާރެއްގެ ސޮއި ނޫންކަން ވަނީ ފާހަގަކުރެވިފައެވެ.

ޤާނޫނު ނަންބަރު: 5/2019 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) ގައިވާ ގޮތުގެމަތިން، 27 ޖޫން 2019 ގައި ދިވެހިރާއްޖޭގެ ބާ ކައުންސިލް ވުޖޫދުވުމަށްފަހު، އެ ޤާނޫނުގައިވާ ގޮތުގެމަތިން ވަކާލާތުކުރުމުގެ ހުއްދަ ދިނުމުގެ ބާރާއި ޒިންމާ މަތިކުރެވިފައިވާ ހަމައެކަނި އިދާރާއަކީ ދިވެހިރާއްޖޭގެ ބާ ކައުންސިލުކަން ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ބާ ކައުންސިލުގެ ވަކީލުންގެ ދަފުތަރުގައި، ފާޠިމަތު ޠޫބާ ޢަބްދުﷲ ހިމަނާފައިނުވުމުގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރިޓަޔަރކުރައްވާފައިވާ ފަނޑިޔާރެއްގެ ސޮއި ބޭނުންކޮށް، 20 ސެޕްޓެންބަރު 2020ގެ ތާރީޚުގައި ތައްޔާރުކޮށްފައިވާ ދެންނެވުނު ލިޔުމުގެ ޞައްޙަކަން ކަށަވަރުކުރުމަށްޓަކައި މި ކައުންސިލުން އިތުރަށް ބެލިބެލުމުން ފާޠިމަތު ޠޫބާ ޢަބްދުﷲ އަކީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ދިވެހިރާއްޖޭގައި ވަކާލާތުކުރުމުގެ ހުއްދަ ދޫކޮށްފައިވާ ފަރާތެއް ނޫންކަން މި ކައުންސިލަށް ކަށަވަރުކުރެވިފައިވާތީ، މި މައްސަލަ ތަޙުޤީޤުކޮށްދެއްވުން އެދި ދިވެހި ފުލުހުންގެ ޚިދުމަތަށް ބާ ކައުންސިލުން ވަނީ ހުށަހަޅާފައިވާކަން ނޫސްބަޔާނުގައިވެއެވެ.
ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތަކުން އޭނާއަކީ ޤާނޫނީ ވަކީލެއްކަމުގައި އާންމުންނަށް ޤަބޫލުކުރެވޭނެ ފަދައަކުން ދެއްކުމާއި، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ޤާނޫނީ މަސައްކަތްކޮށް ޤާނޫނީ ޚިދުމަތް ދިނުމަކީ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން މަނާކަމެކެވެ. އަދި އެއީ ޤާނޫނީ ކުށެކެވެ. އެއްވެސް ފަރާތަކުން މިފަދަ ޢަމަލުތައް ނުހިންގެވުމަށް މި ކައުންސިލްގެ ފަރާތުން އިލްތިމާސްކުރަމެވެ.
ފާޠިމަތު ޠޫބާ ޢަބްދުﷲ އަކީ ޤާނޫނީ ވަކީލުކަމުގެ ހުއްދަ އޮތް ފަރާތެއް ނޫންކަން އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ. ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދީފައިވާ ވަކީލުންގެ ދަފުތަރު ބާ ކައުންސިލުގެ ވެބްސައިޓުގައި އާންމު ކޮށްފައިވާނެއެވެ. ޤާނޫނީ ޚިދުމަތް ހޯއްދެވުމުގައި، ޚިދުމަތްދޭ ނުވަތަ ދޭން ހުށަހަޅާ ފަރާތަކީ އެކަމުގެ ހުއްދަ އޮތް ފަރާތެއްކަން ކަށަވަރު ކުރެއްވުމަށްޓަކައި ބާ ކައުންސިލުގެ ވެބްސައިޓުން އެ މަޢުލޫމާތު ޔަޤީންކުރެއްވުމަށް ބާ ކައުންސިލުން އިލްތިމާސްކުރަމެވެ. ނޫސްބަޔާނުގައި ވެއެވެ.

































