ދައުލަތުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުން ކުރިކަމުގެ ތުހުމަތުގައި ލަންކާގެ ކުރީގެ ރައީސް ރަނީލް ވިކްރަމްސިންގ ބަންދުކޮށްފިއެވެ. ހުކުރު ދުވަހު ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން ވަނީ ރަނިލް މިމަހުގެ 26 ވަނަ ދުވަހާ ހަމައަށް ބަންދު ކުރަން އަމުރުކޮށްފައެވެ.
ރަނިލް ހައްޔަރުކުރީ ސަރުކާރުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތުގައެވެ. ރަނިލްގެ މަައްޗަށް ތުހުމަތު ކުރެވެނީ ރައީސް އަކަށް ހުންނެވިއިރު، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އިނގިރޭސި ވިލާތުގެ ޔުނިވާސިޓީއެއްގައި އަނބިކަނބަލުންނަށް ހާއްސަ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަތުމަށް ދައުލަތުގެ ހަރަދުގައި ލަންޑަނަށް ދަތުރުކުރެއްވުމެވެ.
ލަންކާގެ މީޑިއާތަކުން މައުލާމާތު ދޭގޮތުގައި އެ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަތުމަށް އަމިއްލަ ފުޅަށް ލަންޑަނަށް ކުރެއްވި ދަތުރަކަށް ދައުލަތުގެ ފައިސާ ބޭނުން ކުރެއްވި ކަމުގެ ތުހުމަތު ރަނިލްގެ މައްޗަށް ކުރެއެވެ.
އަދި މި ދަތުރުފުޅަކީ ރަސްމީ ހައިސިއްޔަތުން ކުރެއްވި ދަތުރުފުޅެއް ނޫން ކަމަށާއި އެއީ ސަރުކާރުގެ ވަސީލަތްތަކުން ހަރަދުކޮށްގެން ކުރި ދަތުރެއް ކަމަށްވެސް މި މައްސަލަ ތަހުގީގު ކުރާ ފަރާތްތަކާއި ހަވާލާދީ ލަންކާގެ މީިޑިއާތަކުން ބުނެއެވެ.
މި ދަތުރުގެ ލަންޑަން ބައިގައި ވަފުދެއް އެމަނިކުފާނާ އެކު ބައިވެރިވެވަޑައިގެންނެވި އިރު، ލަންކާ ސަރުކާރުގެ ފައިސާގެ ތެރެއިން ގާތްގަނޑަކަށް 16.9 މިލިއަން ރުޕީސް މި ދަތުރުގައި ބޭނުންކޮށްފައިވާ ކަމަށްވެސް މީޑިއާތަކުން ބުނެއެވެ.

































