ސަޢޫދީ ޢަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަސް ރާއްޖޭގައި ރޭ ފާހަގަކޮށްފިއެވެ. މިޙަފްލާ އޮތީ ނީވާ ކުރުނބާ މޯލްޑިވްސްގައެވެ.
ސަޢޫދީ ޢަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަސް ފާހަގަކުރަމުންދަނީ ”އަވަރ ޕްރައިޑް އިޒް އިން އަވަރ ނޭޗަރ“ މި ޝިޢާރުގެ ދަށުންނެވެ.
ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރޭގެ ޙަފުލާއަށް ވަޑައިގަތުމުން، އެދެކަނބަލުންނަށް މަރުޙަބާ ދެންނެވީ ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޔަޙްޔާ ޙަސަން އަލް-ޤަޙްޠާނީއެވެ.
ރޭ ގެ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވާހަފުޅުދައްކަންވަމުން ވިދާޅުވީ، ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާގެ ގުޅުމުގެ އުންމީދީ އައު ބާބެއް ފެށެމުންދާކަމަށާއި، ދެ ޤައުމުގެ މެދުގައި އިޤްތިޞާދީ ގުޅުމާއި، ވުނަކުރުމާއި އަދި ތަރައްޤީގެ ބައިވެރިވުން ފުޅާކުރުމަށް ފުރުޞަތުތަކެއް ފަހިވަމުންއެބަދާކަމުގައި ގައެވެ.
އަދި އެމަނިފާނުގެ ވާހަގަފުފުގައި، ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް ޒަމާންވީ ގާތް ރަޙްމަތްތެރި، އަޚުވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ. ދެ ޤައުމުގެ ގުޅުމުގެ އަސާސަކީ އެއް ޢަޤީދާއަކާއި، އެއްގޮތް އުޞޫލުތަކެއްގެ އިތުރުން، އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިޙްތިރާމާއި އިސްލާމީ ވަރުގަދަ އުޚުއްވަތްތެރިކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ތަރައްޤީގައި ސަޢޫދީން ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމަށާއި، ޚާއްޞަގޮތެއްގައި 2004 ގެ ސުނާމީއާ ގުޅިގެން ދެއްވި އެހީތެރިކަމާއެކު މެދުނުކެނޑި ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން، ފަތުރުވެރިކަމާއި، ޢުމްރާނީ ތަރައްޤީއާއި، ބޯހިޔާވަހިކަމާއި، ޞިއްޙީ ދާއިރާއާއި، މަސްވެރިކަމާއި، އިއާދަކުރަނިވި ހަކަތައިގެ އިތުރުން ދަތުރުފަތުރުގެ ދާއިރާއިން ސަޢޫދީގެ ވުނަކުރުމާއި ތަރައްޤީގެ ބައިވެރިވުން ރާއްޖޭގައި ފުޅާކުރުމަށް ހުރި ފުރުޞަތުތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ. އަދި ރާއްޖޭގައި ވުނަކުރުމުގެ މާޙައުލު އިތުރަށް ފަހިކޮށްދެއްވައި، ރާއްޖޭގެ އިޤްތިޞާދަށް ގެންނަވާ ހެޔޮ ބަދަލުތަކުގައި ސަޢޫދީގެ ވިޔަފާރިވެރިންނާއި ވުނޭރުންނަށް ފުޅާ ދާއިރާއެއްގައި ބައިވެރިވެވޭނެ މަގު ތަނަވަސްކޮށްދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ދެ ޤައުމުގެ ގުޅުމުގެތެރެއިން ޙާޞިލުކުރެވުނު މުހިންމު ލަނޑުދަނޑިއެއްގެ ގޮތުން، ’ޗާޓަރ އޮފް ދަ މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް‘ ގައި ސޮއިކުރެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އެކްސްޕޯ 2030 ރިޔާޟްގައި ރާއްޖެއިން ބައިވެރިވުމަކީ ފަތުރުވެރިކަމާއި، ވުނަކުރުމާއި، އީޖާދީ މަސައްކަތްތަކުގެ އިތުރުން ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބިގެންދާނެ ފުރުޞަތެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅަށްފަހު، ސަފީރު ޔަޙްޔާ ޙަސަން އަލް-ޤަޙްޠާނީ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ހަނދާނީ ފިލައެއް އަރުވާފައެވެ. މި ޙަފްލާގައި، ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާގެ ޒަމާންވީ ރަޙްމަތްތެރިކަމާއި ގުޅުން ދައްކުވައިދޭ ވީޑިއޯއެއްގެ އިތުރުން، ސަޢޫދީގެ ތަރައްޤީއާއި މުސްތަޤުބަލުގެ ތަޞައްވުރު ދައްކުވައިދޭ ވީޑިއޯތަކެއްވެސް ދައްކާފައިވެއެވެ.


































