ކުރިއަށް އޮތް ދެ ދުވަހު ރާއްޖެއަށް ވިއްސާރަކޮށް، ކަނޑުތައް ގަދަވާނެތީ މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސް ކޮށްފި އެވެ. މި ދުވަސްވަރު ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓުން ލަފާކޮށްފައިވާ ކަމަށް އެމް އެންޑީ އެފް އިން ވިދާޅުވެއެވެ. ދިވެހި ރާއްޖޭގެ މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާ ގޮތުގައި ވިލާގަނޑުގައި ގާތްގަޑަކަށް 50މޭލަށް ވައި ޖެހޭނެއެވެ.
އެހެންވެ އެމްއެންޑީއެފުން ވަނީ ކަނޑު ދަތުރުފަތުރުކުރާއިރު މޫސުމަށް ސަމާލުކަންދިނުމަށް އިލްތިމާސް ކޮށްފަ އެވެ. ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ކަނޑުމަގުން ނުކުރުމަށާއި، ދަތުރުކުރާއިރު މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ރޭގަނޑު ދަތުރު ނުކުރުމަށާއި، މޫސުން ތަންނުދޭ ނަމަ، މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކޮށްލުމަށް ވަނީ އެދިފަ އެވެ.
މެޓުން، ރީނދޫ ނުވަތަ އޮރެންޖު އެލާޓް ނެރެފައިވަނިކޮށް ދަތުރުނުކުރުމަށް ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ. މޫސުމީ ލަފާކުރުންތަކުން ދައްކާ ގޮތުން ރާއްޖެ އަށް އެންމެ ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވެނީ މާދަމާ (ބުދަ ދުވަހު) އެވެ.
ރާއްޖެ އަށް މިހާރު މި ކުރަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ.

































