އިސްލާމީ ކުތުބުޚާނާތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމްކުރުކަމަކީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއްކަމަށާއި އެކަމުގެ މަސައްކަތް ބާރު ދުވެލީގައިކޮށް މިއަހަރުގެ ތެރޭގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިސްލާމީ ކުތުބުޚާނާތައް ހުޅުވިގެންދާނެކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ސަލްމާން ރަސްގެފާނު މިސްކިތުގެ ތިން ފަންގިފިލާގައި އިސްލާމީ ކުތުބުޚާނާ ތަރައްޤީކޮށް ރަސްމީކޮށް ހުޅުވުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިހާރު ޤާއިމްކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގައި މިއަހަރުގެ ނިޔަލަށް އިސްލާމީ ކުތުބުޚާނާތައް ޤާއިމްކުރެވިގެންދާކަމަށެވެ.
އެގޮތުން ރ. އުނގޫފާރު އިސްލާމީ މަރުކަޒުގައާއި، ތިނަދޫ ސިޓީ އިސްލާމީ މަރުކަޒުގައި އަދި އަލަށް ހުޅުވުމަށް ތައްޔާރުވަމުންދާ ހއ. ދިއްދޫ އިސްލާމީ މަރުކަޒުގައި އިސްލާމީ ކުތުބުޚާނާ ޤާއިމްކުރެވިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން މި ކުތުބުޚާނާތަކަށް އެކުވެރި ޤައުމަކުން 60 ހާސް ފޮތް ހަދިޔާ ކުރެއްވުމަށް ނިންމަވާފައިވާކަމަށްވެސް ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިއަދު ހުޅުވިގެންދިޔަ އިސްލާމީ ކުތުބުޚާނާ އިތުރަށް ތަރައްޤީ ކުރުމަކީ ވުޒާރާގެ އަމާޒެއްކަމަށާއި އެގޮތުން ކުތުބުޚާނާގައި ތުއްތުކުދިންނަށް ޚާއްސަ ބަޔަކާއި އިސްލާމިކް ފައިނޭންސްއަށް ޚާއްސަ ބައެއްވެސް ކުރިއަށް އޮތްތަނުގައި ޤާއިމް ކުރައްވާނެކަމަށެވެ.
ސަލްމާން މިސްކިތުގައި ހުޅުވި އިސްލާމީ ކުތުބުޚާނާ ހުޅުވިފައިވަނީ 15،000 ފޮތާއެކުކަން ފާހަގަކޮށްލެވެއެވެ.

































