ކުށްމަދު އަމާން މުޖުތަމައެއް ބިނާކޮށް، ވިޔަފާރިވެރިން ހޭލުންތެރިކޮށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ޅ. ކުރެންދޫގައި ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންގޮސްފިއެވެ.
ކުރެންދޫ ޕޮލިހުން މިއަދު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ވިޔަފާރިކުރާ ތަންތަނުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މުހިންމުކަން ބުނެދިނުމާއެކު ސީސީޓީވީ ކެމެރާ ހަރުކުރުމަށް ބާރު އެޅުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ތެރެއިން އެ ރަށުގައި ހިންގާ 13 ފިހާރައަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވެއެވެ.
އެގޮތުން، ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ވައްކަންކުރާ މީހުންނަށް ފުރުސަތު ނުދިނުމު ގޮތުން ސީސީޓީވީ ކެމެރާ ހަރުކުރުމަށާއި ކައުންޓަރުގެ ވަތްގަނޑުގައި ފައިސާ ނުބެހެއްޓުމަށާއި ރޭގަނޑު ތަން ބަންދުކޮށްފައި ދާއިރު އަލިކަމެއް ބެހެއްޓުމަށް ފުލުހުންގެ ފަަރާތުން އިރުޝާދު ދީފައިވެއެވެ. އަދި އޮންލައިން ވިޔަފާރި އަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި ސައްހަނޫން ފައިސާއާއި ޗެކު ދެނެގަންނާނެ ގޮތްތަކާއި، ފައިސާގެ އޮންލައިން މުއާމަލާތްތަކުގައި އިތުރަށް ސަމާލުކަންދޭންޖެހޭ ކަންކަން ބުނެދީ އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވިޔަފާރަވެރިންނަށް ދިވެހި ފުލުހުންގެ ފަރާތުން ނަސޭހަތްތެރިވެފައި ވެއެވެ.
މި ޕްރޮގުރާމުގައި ކުރެންދޫ ޕޮލިހުގައި މަސައްކަތްކުރާ ހުރިހާ ފުލުހުން ބައިވެރިވި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

































