މޮރޮކޯއަށް ދިވެހި އިމާމުންނަށް އަރަބި ބަސް ކިޔެވުމުގެ ފުރުޞަތު ލިބިއްޖެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޝަހީމް ވިދާޅުވީ މޮރޮކޯގައި އަރަބި ބަސް ކިޔެވުމުގެ ފުރުޞަތު ރާއްޖޭގެ އިމާމުންނަށް ލިބިފައިވާކަން މޮރޮކޯ ސަރުކާރުން ރަސްމީކޮށް ދިވެހި ސަރުކާރަށް އަންގަވާފައިވާކަމަށާއި، މި އިންތިޒާމް ފަހިވެގެންދިޔައީ ދިވެހިންނަށް މިފަދަ ފުރުޞަތުތައް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ.މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ތެރެއިން މޮރޮކޯ ރަސްގެފާނަށް ފޮނުއްވި ސިޓީފުޅަކާ ގުޅިގެންކަން ވަޒީރު ޝަހީމް ފާހަގަކުރެއްވިއެވެ.
އިމާމުންނަށް އަރަބި ބަސް ކިޔަވައިދޭން އެޤައުމުގައި ޤާއިމުކޮށްފައިވާ ޚާއްޞަ އިންސްޓިއުޓަކީ ރަސްގެފާނުގެ ޚާއްޞަ ބެއްލެވުމުގެ ދަށުން ކުރިއަށްދާ އިންސްޓިއުޓެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މި ފުރުޞަތު ފަހިކޮށްދެވޭނީ، ކިޔަވަންދާ ފަރާތްތަކަށް އެމީހުންގެ ތިބުމާ، އަދި ޕޮކެޓް މަނީވެސް ދޭގޮތަށްކަމަށެވެ.
ވަޒީރު ވިދާޅުވީ އިމާމުންނަށް މޮރޮކޯގައި ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިނުމާއި ގުޅޭ އެއްބަސްވުން ލިބިފައިވާކަމަށާއި، އަދި އެއްބަސްވުމުގައި މޮރޮކޯ ސަރުކާރާއެކު ވަރަށް އަވަށް ސޮއިކުރާނެކަމަށެވެ.

































