ލިޔުންތެރީން ވާންޖެހޭނީ، އަމިއްލަ ދީނާއި އަމިއްލަ ޤައުމާއި އަމިއްލަ ވަޠަނުގެ ދިފާޢުގައި އަދި އަމިއްލަ ޤައުމަށް ކުރިއެރުން ހޯދައިދިނުމުގެ ޢަޒުމުގައި މަތިވެރި ޖިހާދެއް ކުރާ ބަޔަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ، ދިވެހިރާއްޖޭގެ ލިޔުންތެރީންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ.
ރައީސްގެ ޚިޠާބުގައި ވިދާޅުވީ، ލިޔުންތެރިކަމަކީ އަމާނާތެކަމަށާއި، ލިޔުންތެރީންގެ ފިކުރުތަކާއި ޚިޔާލުތަކުން ޤައުމުތައް ބިނާ ކުރެވެއެވެ. އަދި ހަމަ އެހެންމެ، ޒިންމާދާރުކަމެއް ނެތް ލިޔުންތެރިކަމުން ޤައުމުތަކަށް ބޮޑެތި ގެއްލުން ލިބެމުންދާކަށް ރައީސްގެ ޚިޠާބުގައި ފާހަގަ ކުރައްވައްވަފައި ވެއެވެ.
އެމަނިކުފާނުގެ ޚިޠާބުގައި ވަނީ ދިވެހި ޤައުމު ބިނާކުރުމުގައި، ލިޔުންތެރީން އެކި ދާއިރާތަކުން މުހިންމު ޚިދުމަތްތައް ކުރައްވާފައިވާކަން ފާހަގަކުރައްވާފައެވެ.
އަދުގެ ލިޔުންތެރީންނަށް އެމަނިކުފާނު އިލްތިމާސްކުރައްވާފައިވަނީ، ދިވެހީންގެ މަޞްލަޙަތާއި ކުރިއެރުމަށްޓަކައި ގަލަންތައް ހަރަކާތްތެރި ކުރުވުމަށާއި، އާ ޚިޔާލުތަކާއި އާ ތަޞައްވުރުތަކުން ދިވެހި ފަތްފުށްތައް މުއްސަނދިކުރުމަށެވެ.
މީގެ އިތުރުން، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިބަސް ކުރިއަރުވައި ދެމެހެއްޓުމުގައި ލިޔުންތެރިން އަދާކުރާ ޤައުމީ ޒިންމާގެ އަގުވަޒަންކުރައްވައި، ލިޔުންތެރިންނަށް ތާރީފުގެ ބަސްތަކާއި ދުވަހުގެ ތަހުނިޔާ އަރިސް ކުރައްވާފައެވެ.

































