2008ވަނަ އަހަރު އަމަލު ކުރަން ފެށި ޤާނޫނު އަސާސީއާއި އެކު ވެރިއަކު ( ރައީސުލްޖުމުހުރިއްޔާ) އިންތިޚާބު ކުރުމުގެ އުޞޫލަށް ބޮޑު ބަދަލެއް އައެވެ. މިދެންނެވި “ ފެހި “ ޤާނޫނު އަސާސީއަށް އަމަލު ކުރަން ފެށުމުގެ ކުރީން ރާއްޖޭގެ އެންމެ މަތީ ވެރިކަމަށް ޝައުޤުވެރިކަން ހުރި ނަމަވެސް އެކަމަށް ކުރިއަށް ދިއުމަށް އޮތް ފުރުޞަތު ހަނިކަން ފާހަގަ ކުރެވެއެވެ. އަދި ގިނަ ފަހަރަށް ރައީސް ކަމަށް ޝައުޤުވެރި ވުމަކީ ”ކުށަކަށް“ ވުން އޮންނަނީ ގާތްކަމަކަށް ވެފައެވެ. ވެރިކަމުގެ ޝާއުޤުވެރި ކަމާއި އެކު ރައްޔިތު މީހާ ގާތަށް ފާޅުގައި ގޮސް ރައްޔިތުންގެ ތާއިދު ހޯދުމަށް މަސައްކަތް ކުރާނެ ޖާގައެއް ނެތޭ ދެންނެވި ނަމަވެސް ދޮގަކަށް ނުވާނެއެވެ. އެއީ އެދުވަހެވެ. މިއަދު މިވަނީ ތަފާތު ވެފައެވެ.
2008ވަނަ އަހަރު ފުރަތަމަ ފަހަރަށް ރިޔާސީ އިންތިޚާބުގައި ސިޔާސީ ޕާޓީތައް ވާދަކޮށް ފާޅުގައި ރައްޔިތުންގެ ކައިރިއަށް ގޮސް ވޯޓް ހޯދުމަށް މަސައްކަތް ކުރިއެވެ. 2008ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގައި ބައިވެރި ވަޑައިގެންނެވި ބައެއް ސިޔާސީ ލީޑަރުން މިއަދު ވަނީ ލިބިވަޑައިގެންނެވި ނާކާމިޔާބީ އެކު ސިޔާސީ ހަޔާތް ނިންމަވާ ލައްވާފައެވެ. ނަމަވެސް އަދިވެސް ބައެއް ބޭފުޅުން ދޫ ދެއްވުމެއް ނެތި ސިޔާސީ ރޭހުގައި ނުކުންނަވާ ރިޔާސީ އިންތިޚާބުތަކުގައި ވާދަ ކުރައްވަމުން ގެންދަވައެވެ. ރިޔާސީ އިންތިޚާބެއްގައި ކުރިމަތިލައްވާ ތަފާތު ”އުކުޅުތައް“ ބޭނުން ކުރައްވައިގެން ރައްޔިތުންގެ ރުހުން ލިބޭތޯ މަސައްކަތް ކުރައްވާ ލީޑަރުން ފެނެއެވެ. ވަރުބަލި ކަމެއް ނެތި ފޫހި ކަމެއް ނެތިއެވެ.
އައު ޤާނޫނު އަސާސީގެ ދަށުން ބޭއްވުނު ރިޔާސީ އިންތިޚާބުތަކަށް ބަލާއިރު ކޮންމެ ރިޔާސީ އިންތިޚާބެއްގައި ރައްޔިތުން ވަނީ ބަދަލަކަށް ވޯޓް ދީފައެވެ. އެހިނދަށް ހިނގަމުން ދާ ވެރިކަމާ މެދު ރައްޔިތުންގެ ޝައުޤުވެރިކަން ގެއްލި އައު ހެޔޮ ވެރިކަމެއްގެ އިންތިޒާރުގައި އައު ލީޑަރަކަށް ވޯޓް ދެއްވާ ދިވެހި ސިންގާ ސަނާއަށް ވަޑުވަނީ އުފަލުންނެވެ. އެއަށް ފަހު ކަންހިނގާ ގޮތް ފެނި ގިނަފަހަރަށް ދައުރު ދެބައި ނުވަނީސް ރައްޔިތުން ފޫހިވާތަން ފެނުމަކީ ހަޤީޤަތެވެ.
މިހާރު ހިނގަމުން މިދާ ރިޔާސީ ދައުރު ނިމޭނީ 2028ވަނަ އަހަރުއެވެ. އަދި ގާތްގަޑަކަށް 3އަހަރެއް ހާ ދުވަސް ކުރިއަށް އެބައޮތެވެ. މިހާރު 2028ގެ އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ޝައުޤުވެރިކަން ބައެއް ސިޔާސީ ލީޑަރުން ފާޅު ކުރައްވަން ފައްޓަވައިފިއެވެ. އެލީޑަރެއްގެ ހިމެނިވަޑައިގަންނަވާ ޕާޓީ ގެ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމުގެ ސިގުނަލްތައް ދެއްވަން ފައްޓަވައިފިއެވެ. ބައެއް ލީޑަރުން ހިތުގައި ވެރިކަމަށް ޝައުޤުވެރިކަން ހުރިނަމަވެސް ފާޅުގައި ވިދާޅުވާން ނުކުރި އަދި ސިއްރެއްގެ ގޮތުގައި ބާއްވަމުން ގެންދެވި ނަމަވެސް ސިޔާސީ ލީޑަރުންގެ އެންމެ މަތީ މަޤްޞަދަކަށް ވާނީ ރިޔާސީ ރޭހަށް ނުކުމެ ކާމިޔާބު ކުރުމެވެ. 2028ވަނަ އަހަރު ހުވާ ކުރައްވާ ދިވެހި ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާގެ މަޤާމަށް ވަޑައިގަތުމުގެ ހުވަފެން ގިނަ ލީޑަރުން ދެކެ ވަޑައިގަންނަވާނެއެވެ. އާދެ ރިޔާސީ ރޭހުގައި ނުކުންނެވުމުގެ ޝައުޤުވެރިކަން ބޮޑަށް ފާޅު ކުރައްވާތަން ފެންނަނީ އިދިކޮޅުގައި ފަރާތްތަކެވެ. ސަބަބު ވަރަށް ސާފެވެ. ވޭތުވެ ދިޔަ އިންތިޚާބުތަކުގައި އަބަދުވެސް އިންތިޚާބު ކާމިޔާބު ކުރަނީ އިދިކޮޅު ފަރާތްތައް ކަމަށް ވާތީއެވެ. ވީމާ އިދިކޮޅު ޕާޓީގެ ޓިކެޓް ލިބިވަޑައިގަންނަވާ ކެންޑިޑޭޓަށް ދިވެހި ވެރިކަމާ ގާތަށް ދިޔުމަށް ފަހި ފުރުޞަތަކަށް ވެއެވެ. ވީމާ، ޕާޓީ ޓިކެޓް ހޯއްދެވުމުގެ ވާދަވެރިކަން ބޮޑުވެގެން ދާނީ އިދިކޮޅު ޕާޓީތަކެވެ. ހަމަ މިއާއި އެކު މިހާރު ވެރިކަން ކުރާ ޕާޓީ އިތުރު ދައުރެއް ހޯދުމުގެ ވާހަކަ ވެސް ދައްކަން ފަށައިފިއެވެ. ވެރިކަން ކުރާ ޕާޓީ ޖަހަމުން ދާ ހިސާބު ދިމާވެއްޖެނަމަ، އެއީ ތާރީޚު ބަދަލު ކޮށްލުން ކަމަށް ވާނެއެވެ. 2028ގެ ރިޔާސީ އިންތިޚާބުގެ ކުރިން ލޯކަލް ކައުންސިލް އިންތޚާބު އަންނަ އަހަރު އޮންނާނެއެވެ. އިންތިޚާބަށް ރައްޔިތުންގެ ތާއިދު ހޯދުމުގެ ގޮތުން އަތޮޅުތެރެއަށް ޕާޓީތަކުން ދަތުރު ކުރަން ފަށަފިއެވެ. އެކި ވާހަކަތަކުން އަތޮޅުތެރޭގެ ރައްޔިތުންގެ ތާއީދު ހޯދުމުގެ ބުރަ މަސައްކަތް ފަށައިފިއެވެ. 20% ވެސް ނުލިބޭނެ ކަމަށާއި 80%ހޯދާނެ ކަމުގެ ޖޯޝީ ވާހަކަތަކާއި އެކުއެވެ. ފަޅުކޮނެ ދިނުމާއި މަގުތައް ހެދުމުގެ މަސައްކަތާއި ރައްޔިތުން އުފާ ކޮށްދޭނެ ކަމުގެ އުފާވެރި ވާހަކަ ތަކުން އަތޮޅު ތެރޭގެ ރައްޔިތުންނަށް ހިނުތުންވުން ގެނެއުމަށްޓަކައި ކުރަމުން ދާ މަސައްކަތް ފެށިފައި ވެއެވެ. ވީމާ ، އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބު ވެގެން ދާނީ 2028ގެ ރިޔާސީ އިންތިޚާބަށް ވަކަރަށް ޖަހާލުމެއް ކަމުގައެވެ.

































