ދ. ވާނީގައި ތަމްރީން ހަދަމުންދިޔަ ރެކްރޫޓް ފުލުހެއްގެ ޙާލު ދެރަވެ ފަރުވާދޭން ފަށައިފިއެވެ.
މި ޙާދިޞާ ހިނގި ގޮތުގެ ތަފްސީލު ދެއްވަމުން ފުލުހުން ވިދާޅުވީ ދ. ވާނީގައި ހުންނަ ޕޮލިސް ޓްރެއިނިންގ ސެންޓަރުގައި ކުރިއަށްދާ 40 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގެ ދަރިވަރުންނަށް ވޭކް-އަޕް ކޯލް ދިނުމަށް މުދައްރިބުން ދަރިވަރުންގެ ބެރެކްސްތަކަށް ވަދެ ދަރިވަރުން ހޭލައްވަމުން ދިޔައިރު އޭނާއަަށް، ގޮވުމުންވެސް ޙަބަރެއް ނުވެ ހަރަކާތެއްވެސް ނެތުމުން، 04:27 ގައި އޭނާ މެޑިކަލް ރޫމަށް ގެންގޮސް އަވަސް ފަރުވާ ދޭން ފަށާފައިވާކަމަށެވެ.
އަދި މެޑިކަލްރޫމްގެ ޑޮކްޓަރުގެ ލަފާގެ މަތިން ހަމައެރޭ ފަތިހު 4:48 ގައި އިތުރު ފަރުވާއަށް ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާކަމަށް ފުލުހުން ޙިއްޞާކުރި މެސެޖުގައިވެއެވެ. އަދި މިހާރު އޭނާ މާލެ ގެނެސް ފަރުވާ ދެމުންގެންދާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ. . އޭނާ މާލެ ގެނެސްފައިވަނީ 13:22 ގައި އެއަރ އެމްބިއުލާންސްގައެވެ.
މި ވަގުތު އެ ފުލުސްމީހާއަށް ފަރުވާ ދެމުން ގެންދަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ވެންޓިލޭޓަރުގެ އެހީގައެވެ. އަދި އޭނާގެ ޙާލު ވަރަށް ކްރިޓިކަލްކަމަށް ފުލުހުން މަޢޫލޫމާތުދެއްވައެވެ.
ކުއްލި ގޮތަކަށް އޭނާގެ ހާލަތު ދެރަވި ސަބަބެއް ފުލުހުން ހާމައެއް ނުކުރެއެވެ. އެއީ އުމުރުން 34 އަހަރުގެ ފިިރިހެނެއް ކަމަށް ވެސް ފުލުހުން މަޢުލޫމާތުދެއްވައެވެ.

































