މިއަހަރުގެ ނޫސްވެރިންގެ ދުވަހާއި ގުޅިގެން 3 މެއިގައި ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމާއި ގުޅިގެން މިނިސްޓަރުންނާއި ސިޔާސީ މަޤާމުތަކުގައި ތިއްބެވި ފަރާތްތަކުގެ އިތުރުން ސަރުކާރަށް ތާޢީދުކުރާ އާއްމުން ދަނީ ރައީސް ދެއްކެވި ނަމޫނާ ފާހަގަކޮށް ސޯޝަލް މީޑިއާގައި ތަފާތު ޕޯސްޓުތައް ކުރަމުންނެވެ.
މިގޮތުން މިއަހަރުގެ ނޫސްވެރިންގެ ދުވަހާއި ގުޅިގެން ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުން ހާމަވެގެން ދިޔައީ ރައީސް މަސައްކަތަށް ދެއްވަވާ އަޙައްމިއްޔަތުކަން ކަމުގައި ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެފަވެއެވެ
ޣައްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވި ވަގުތުން ފެށިގެން ކޮންމެ ދުވަހަކު ރައީސް ޑރ.މުޢިއްޒު މަސައްކަތަށް ދެއްވާ އަހަންމިއްޔަތާއި ބަހައްޓަވާ ފަރުވާތެރިކަމާއި ވަރުބަލިކަމެއްނެތި ދެއްވާ ވަގުތު އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުން ފެނިގެން ގޮސްފައިވާ ކަމަށެވެ
ޣައްސާންގެ އިތުރުން, ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިންނާއެކު ހޭދަކުރެއްވި 14 ގަޑިއިރުގެ ދިގު ބައްދަލުވުމަކީ މަސްއޫލުވެރިއެއްގެ ކިބައިން ފެންނަންޖެހޭ އެންމެ މަތިވެރި ސިފަ ދައްކުވައިދިން ބައްދަލުވުމެއް ކަމަށް ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމް ވިދާލުވިކަން ފާހަގަކޮށްލެވެއެވެ.
މިގޮތުން ޕީއެސްއެމް ނިއުސްގެ އަށް ވަނަ އަހަރީ ދުވަހުގެ ”ޕީއެސްއެމް އެވޯޑް 2025“ ގައި ޝަރަފުވެރި މެހެމާނުގެ ގޮތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން އައްބާސް ވިދާޅުވީ، ރައީސް ބޭއްވެވި މި ނޫސްވެރިންގެ ބައްދަލުވުމަކީ ތާރީޙީ ބައްދަލުވުމެއް ކަމަށެވެ
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ނަމޫނާއަކީ އެކަމަށް ތަބާވާންޖެހޭ ކަމެއްކަމަށާއި ޚަބަރާއި ކަންކަން ހިނގަމުންދާ ގޮތް ސާފުކޮށް އޮޅުންފިލުވައިދިނުމުގައި ކޮންމެ މަސްޢޫލުވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ސިފައެއްކަމަށް ނޫސްވެރިކަމުގެ ދާއިރާއަށް ހިދުމަތްކުރައްވާފައިވާ ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމް ވިދާޅުވިއެވެ
މި ބައްދަލުވުމުގައި ވަކި ދާއިރާއެއް އިސްތިސްނާ ނުކުރައްވައި، ހުރިހާ ދާއިރާއަކާ ގުޅޭ މަޢުލޫމާތު ޙިއްޞާކުރައްވައި، ކަންކަން އޮޅުންފިލުއްވައިދެއްވާފައިވާކަން ޢައްބާސް ފާހަގަކުރެއްވިއެވެ
ރައީސްގެ މި ބައްދަލުވުމަކީ ދުނިޔޭގެ ރެކޯޑް ހޯދާފައިވާ ބައްދަލުވުމެއްކަން ފާހަގަކުރައްވާ، އެމަނިކުފާނު ދެއްކެވި ކެތްތެރިކަމާއި ސާބިތުކަމަށް އައްބާސް ތަޢުރީފް ކުރެއްވިއެވެ
އައްބާސް އިތުރަށް ވިދާޅުވީ، ދިވެހިންގެ ދިވެހިވަންތަކަން ދިރުވައި އާލާކުރުމުގައި ނޫސްވެރިންގެ ދައުރު އިތުރަށް ފުޅާކުރަން ޖެހިފައިވާ ކަމަށެވެ. މިގޮތުން ޤައުމިއްޔަތާއި، ސަޤާފަތް އަދި އާދަކާދަތައް ދިރުވުމުގައި ނޫސްވެރިންގެ ޒިންމާ އަދާކުރުމަށް މިހާރަށްވުރެ ފަރުވާތެރިވުމަށް އައްބާސް ގޮވާލެއްވިއެވެ.
އައްބާސްގެ އިތުރުން,ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވީ ސިޔާސީ ދާއިރާއިން މިހާތަނަށް ފެނުނު އެންމެ ފުރިހަމަ ނަމޫނާ ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވެސް ވަނީ ވިދާޅުވެފައެވެ.
އެ ބައްދަލުވުމާ ގުޅޭގޮތުން ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ޝަކީލް ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވެސް ރައީސް މުއިއްޒު އާއެކު ކުރެވުނު މަސައްކަތްތަކުގެ ތެރެއިން އެމަނިކުފާނުގެ ކެތްތެރިކަމާއި އިޙުލާސްތެރިކަމުގެ ރީތި އަޙުލާޤު ފެނިވަޑައިގެންފައިވާ ކަމަށެވެ.
ނަމަވެސް 15 ގަޑިއިރު ވަންދެން ނޫސްވެރިންނާ ބައްދަލުކޮށް ކެތްތެރިކަމާ އެކު މުޅި ދުނިޔެ ކުރިމަތީގައި ދެއްކެވި ކެތްތެރިކަމަކީ ސިޔާސީ ދާއިރާއިން މިހާތަނަށް ފެނުނު އެންމެ ފުރިހަމަ ނަމޫނާކަމަށް ވިދާޅުވެ ނޫސްވެރިންގެ ސުވާލުތަކަށް ރައީސް ޖަވާބު ދެއްވަން ހުންނެވި ފޮޓޯއެއް ޝަކީލްވަނީ އެކްސްގައި ކުރެއްވި ޕޯސްޓުގައި ހިމަނުއްވާފައެވެ.
ޝަކީލް އިތުރަށް ވިދާޅުވީ މި ސަރުކާރު ކުރިއަށް ދާނީ ރައީސްގެ ކެތްތެރިކަމާއި އިޙުލާސްތެރިކަމުން ނަމޫނާ ނަގައިގެން ކަމުގައެވެ. ޝަކީލް ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ދެއްކެވި ރީތި އަޙުލާޤަށް ވެސް ޝުކުރު ދަންނަވާފައެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލްގެ އިތުރުން ދެން ފާހަގަކޮށްލެވެނީ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުން އެކަނިވެސް، ނޫސްވެރިކަމަށް ރައީސް މުއިއްޒު ދެއްވާ އަޙަމިއްޔަތުކަން ހާމަވެގެން ހިނގައްޖެކަމަށް ވިދާޅުވެފަވާ ވިދާޅުވުމަށެވެ.
މުޅި ދުވަސް ނޫސްވެރިންނާއެކު ހޭދަކުރެއްވުން ރަމްޒުކޮށްދިނީ ނޫސްވެރިކަމުގެ މިނިވަންކަމަށް އެމަނިކުފާނު ދެއްވާ އަހައްމިއްޔަތުކަމަށް މުހުތާޒް ވިދާޅުވެފަވެއެވެ.
މިގޮތުން,އެ ބައްދަލުވުމަށް ތައުރީފްކުރައްވައި މުހުތާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުއިއްޒު ނޫސްވެރިންނަށް ދެއްވީ މިނިވަންކަން ރަމްޒުކޮށްދޭ އަގުހުރި ހަދިޔާއެއް ކަމަށެވެ. އަދި ރައީސް ބޭއްވެވި ބައްދަލުވުމުގައި ވަކި މީޑިއާއެއް ތަފާތު ނުކުރެއްވިކަންވެސް މުހުތާޒް ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ބާއްވަވާނެ ކަމަށް ވިދާޅުވި ނޫސްވެރީންގެ ބައްދަލުވުން 3 މެއިގައި ބާއްވަވާފައިވާއިރު، އެދުވަހުގެ ހެނދުނު 10:00 އިން ފެށިގެން މެންދަމު 12:54 އާ ހަމައަށް ނޫސްވެރިންގެ ބައްދަލުވުން ވަނީ ކުރިއަށް ގެންދަވާފައެވެ. ނޫސްވެރީންގެ ބައްދަލްވުން މެދުކަނޑާލެއްވީ ހަތަރު ފަހަރުއެވެ. އެއީ މެންދުރު ނަމާދު ކުރެއްވުމަށާއި އަސުރު ނަމާދާއި މަޣުރިބު ނަމާދު އަދި އިޝާ ނަމާދު ވަގުތަށެވެ
އެމަނިކުފާނު ގެންދެވީ ނޫސްވެރީންގެ ބައްދަލުވުމަށް ވަޑައިގެންނެވި ހުރިހާ ނޫސްވެރީންނަށް ބޭނުން ސުވާލެއް ކުރެއްވުމަށް ފުރުސަތު ދެއްވަމުންކަން ފާހަގަކުރެވުނެވެ. މިއީ ދިވެހި ރައީސަކު މިފަދަ ގޮތަކަށް މިހާ ގިނަ ވަގުތު ނޫސްވެރީންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ހޭދަ ކުރެއްވި ފުރަތަމަ ފަހަރުކަންވެސް ފާހަގަކުރެވެއެވެ.
ނޫސްވެރީންގެ ބައްދަލުވުމުގައި މި ހުރިހާ ވަގުތަކު އެމަނިކުފާނު ހުންނެވީ ޕޯޑިއަމް ކައިރީގައި ކޮޅަށެވެ. ނޫސްވެރީން ތިބީ ގޮނޑިތަކުގައި އިށީންދެގެނެވެ
ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ނޫސްވެރީން ބޭނުން ސުވާލެއް ކުރަން ރައީސް ފުރުސަތު ދެއްވިއެވެ. ބައެއް ނޫސްވެރީން ބައިގަޑިއިރަށް ވުރެ ގިނައިރު ސުވާލުކޮށްކޮށް ތިއްބެވެ. ތިން ހަތަރު ފަހަރު މަތީން ފުރުސަތު ހޯދައިގެން ސުވާލު ކުރަން ބޭނުންވި ނޫސްވެރީންނަށް ވެސް ފުރުސަތު ދެއްވިއެވެ
ބައެއް ނޫސްވެރީން ވަރަށް ޒާތީކޮށް ސުވާލުކުރުމުން ވެސް އެމަނިކުފާނު ސާދާކަމާއެކު ޖަވާބު ދެއްވިއެވެ
އިއްޔެގެ މިނޫސްވެރީންގެ ބައްދަލުވުމާއި ގުޅިގެން އެންމެ ގިނަ ބަޔަކު ފާހަގަ ކުރަމުން ދަނީ ރައީސް ޑރ. މުއިއްޒުގެ ކެތްތެރިކަމެވެ. ނޫސްވެރީންގެ ހުރިހާ ސުވާލުތަކަށް ޖަވާބު ދެއްވަމުން ގެންދެވުމެވެ. ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދަނީ އެކަން ފާހަގަ ކުރަމުންނެވެ
މީގެ އިތުރުން، ފާހަގަކޮށްލަންޖެހޭ އެންމެ މުޙިއްމު އެއް ކަމަކީ، ނޫސްވެރިންގެ މިބައްދަލުވުމަކީ، މިހާތަނަށް ރެކޯޑް ކުރެވިފައިވާ އެންމެ ދިގު ނޫސްވެރީންގެ ބައްދަލުވުންކަމެވެ. ގާތްގަނޑަކަށް 15 ގަޑިއިރުގެ ދިގު ނޫސްވެރިންގެ ބައްދަލުވުމާ އެކު، މިހާތަނަށް ޤައުމެއްގެ ވެރިއަކު ބޭއްވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމުގެ ރެކޯޑް ރައީސް ވަނީ މުގުރާލައްވައިފައެވެ.
މީގެ ކުރިން އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުން ބޭއްވެވީ ޔޫކްރެއިންގެ ރައީސް ޒެލެންސްކީ އެވެ. 2019 ވަނަ އަހަރު ރައީސް ޒެލެންސްކީ ބޭއްވެވި ނޫސްވެރީންގެ ބައްދަލްވުމުގައި އެމަނިކުފާނު 14 ގަޑިއިރު ހޭދަ ކުރެއްވިއެވެ
ރާއްޖޭގެ ރައީސަކު މިހާތަނަށް ބޭއްވެވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުން ދިގުލައި ދިޔުމުން ބައެއް ނޫސްވެރިން ވަނީ ބައްދަލުވުން ދޫކޮށް ނުކުމެފައެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ރައީސް ބޭއްވެވި މި ބައްދަލުވުމުގައި، ނޫސްވެރިންގެ ސުވާލުތައް ހުސްވަންދެން ޖަވާބު ދެއްވާފައިވެއެވެ
މިއަހަރުގެ ނޫސްވެރިންގެ ދުވަހާއި ގުޅިގެން 3 މެއިގައި ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމާއި ގުޅިގެން އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމުގެ ވާހަކަ ބައިނަލްއަގްވާމީ މީޑިއާތަކުގެ ސަމާލުކަންވެސް މިވަނީ ހޯދާފައެވެ. މިވާހަކަ ދުނިޔޭގެ އެކި މީޑިއާތަކުން ގެނެސްފައި ވަނީ ރެކޯޑެއްގެ ގޮތުގައެވެ. މިގޮތުން 15 ގަޑިއިރުގެ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ކަމަށް ރިޕޯޓްކޮށްފައިވާއިރު، މިއީ ރެކޯޑެއް ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. މިގޮތުން ޓައިމްސް އޮފް އިންޑިއާ، އެންޑީޓީވީ، ރިޕަބްލިކްވޯލްޑް، ދަ ޑެއިލީ ގާޑިއަން، ފްރާންސް24، ޔާހޫ ފަދަ ނޫސްތަކުން މި ޚަބަރު ގެނެސްދީފައި ވާކަން ފާހަގަކުރެވެއެވެ.

































