ބައިނަލް އަޤުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ އެންމެހައި ނޫސްވެރިންނަށާއި، މީޑިއާގެ ދާއިރާގައި މަސައްކަތްކުރައްވާ އެންމެހައި ފަރާތްތަކަށް ތަހުނިޔާއާއި މުބާރިކުބާދީ ދިވެހި ފުލުހުންގެ ޚިދުމަތުން ފޮނުއްވައިފިއެވެ. ދުވަހުގެ މުނާސަބަތުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ނެރެފައިވާ ނޫސް ބަޔާނުގައި ވިދާޅުވެފައިވަނީ ”އިންސާނީ ހައްގުތަކާއި ކަރާމާތް ހިމާޔަތްކޮށް، އަދުލުއިންސާފު ގާއިމުކުރުމުގައި ނޫސްވެރިން އަދާކުރައްވާ އަގުހުރި އަދި މުހިންމު ދައުރު ފާހަގަކޮށް، ތިޔަ ބޭފުޅުންގެ މަސައްކަތަށް ޝުކުރު ދަންނަވަމެވެ. ދިވެހިރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ސައްޚަ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި، ނޫސްވެރިން ކުރައްވަމުން ގެންދަވާ މަސައްކަތް އަޅުގަނޑުމެން ފާހަގަކުރަމެވެ.“
ދިވެހި ފުލުހުންގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ މައުލޫމާތު ހޯދުމުގައި ނޫސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށާއި، ފޯރުކޮށްދެވޭ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް، އަދި އޮޅުންއަރާފަދަ މައުލޫމާތު ފެތުރުން މަދުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ނޫސްވެރިންނާ ގުޅިގެން މަސައްކަތްކުރަމުން ގެންދާނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
ކުށް ކުރުން ހުއްޓުވުމާއި، އާންމު ރައްކާތެރިކަމާއި، މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމުގައި މީޑިއާއަކީ މުހިންމު ބައިވެރިއެއް ކަމަށާއި އަދި ނާޒުކު ހާލަތްތަކުގައިވެސް، އާންމުންނަށް މައުލޫމާތު ފޯރުކޮށްދީ، މުއައްސަސާތައް ޖަވާބުދާރީކުރުވުމަށް ތެދުވެރިކަމާއެކު މަސައްކަތްކުރައްވާ ނޫސްވެރިންގެ އަގު ދިވެހި ފުލުހުންގެ ޚިދުމަތުން ވަޒަން ކުރައްވާ ކަމަށްވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ނެރެފައިވާ ބަޔާނުގައި ވެއެވެ. ނޫސްވެރިންނަށް ބިރުވެރިކަމެއް، ފުރައްސާރައެއް ނުވަތަ ހުރަހެއްނެތި ވާޖިބު އަދާކުރެވޭނެ ރައްކާތެރި މާހައުލެއް ގާއިމުކުރުމަށް، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެއްބާރުލުން ލިބެމުންދާނެކަމުގެ ޔަގީންކަން ބައިނަލް އަޤުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު، މުނާސަބަތުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ޢާއްމު ކުރައްވާފައިވާ ބަޔާނުގައި ވެއެވެ.

































