ޞީއްހީ ދާއިރާއިން ދިވެހިން ތަމްރީން ކުރުމަކީ އެންމެ ބޮޑު އަމާޒުކަމުގައި ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި އެލައިޑް ހެލްތު ޕްރޮފެޝަނަލުން ތަމްރީނުކުރެވޭނެ ދާއިމީ އިންތިޒާމެއް ޤާއިމުކުރުމަށްޓަކައި ހެލްތު މިނިސްޓްރީއާއި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބުދަދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، މިދާއިރާއިން މީހުން ބޭނުންވާވަރު ދެނެގަތުމަށް ހެދި އެސެސްމަންޓްއިން ގިނަ ބަޔަކު މިދާއިރާއަށް ބޭނުންވާ ކަން ފާހަގަވެފައިވާ ކަމަށެވެ.
އަދި މި ދާއިރާއިން ތަމްރީނުވެފައިތިބި ދިވެހިންގެ އަދަދު މަދުކަމުން އަތޮޅު ތެރޭގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރައްވަނީ ބިދޭސީ މުވައްޒަފުން ކަމަށް މިނިސްޓަރގެ ވާހަފުޅުގައި ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތައް އެދެވޭ ބަދަލެއް ގެނެވޭނީ މިދާއިރާއިން މީހުން ތަމްރީން ކޮށްގެން ކަމަށެވެ. އެހެންކަމުން ސަރުކާރުގެ އަމާޒަކީ ހެލްތު ސެކްޓަރގެ އިންފްރާސްޓްރަކްޗަރ އަށް ކުރާ ޚަރަދާ އެއްވަރަށް ނޫނީ އެއަށްވުރެ ބޮޑަށް މީހުން ތަމްރީން ކުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެލައިޑް ހެލްތު ޕްރޮފެޝަނަލުންގެ ދާއިރާއިން 1500 ދިވެހިން ތަމްރީނު ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފަވަނީ ބުދަދުވަހުއެވެ.
ބުދަދުވަހު ވެވުނު އެއްބަސްވުމުގެ ދަށުން ތަމްރީން ކުރުމަށް ނިންމާފައިވާ އެލައިޑް ހެލްތްއަށް ނިސްބަތް ވާ ވަރަށް ގިނަ ދާއިރާތައް ހިމެނެއެވެ.
އޭގެތެރޭގައި ކައުންސިލިން، ސްޕީޗްތެރަޕީ، އޮކިއުޕޭސަނަލްތެރަޕީ، ފިޒިއޮތެރަޕީ، ކޮމިއުނިޓީހެލްތް، ޑައެޓީޝަނުން، ޕެރަމެޑިކްސް ރޭޑިއޯގްރަފީ، ބައޯމެޑިކަލް އިންޖީނިއަރިން ފަދަ މުހިއްމު ދާއިރާތައް ހިމެއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބުދަދުވަހު ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް ،މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު އަދި އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ ފަރާތުން ވައިސް ޗާންސެލަރ ޑރ.ޢާއިޝަތު ޝެހެނާޒް އާދަމް ވަނީ މި އެއްބަސްވުމުގައި ސޮއިކުރައްވަފައެވެ.

































