މިދިޔަ ހުކުރު ދުވަހު ހެންވޭރުގެ ގެއެއްގެ ތެރެއަށް ވެއްޓިފައި އޮއްވާ ފެނުނު މީހާ ބޭނުންކޮށްފައިވަނީ ހަމައެކަނި ކެނެބިސްކަމަށް ނުބެލެވޭކަމަށް ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީން ވިދާޅުވެއްޖެއެވެ.
އަދި ހެންވޭރުގެ ގެއެއްގެ ތެރެއަށް ވެއްޓިފައި އޮއްވާ ފެނުނު 21 އަހަރުގެ ހައްވާ ޔުމުނު ރަޝީދުގެ ހާލު ވަރަށް ސީރިއަސްކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
މިގޮތުން ފުލުހުން ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީން ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުން ވިދާޅުވީ އަންހެން ކުއްޖާ ފުރަތަމަ ގެންގޮސްލީ ވެންޓިލޭޓަރަށްކަމަށެވެ. އަދި އެ ކުއްޖާގެ ސީޓި ސްކޭނާއި ކަނދުރާއަށް ލިބުނު ޒަހަމްތައް ބެލުމަށްފަހު މިހާރު ވެންޓިލޭޓަރުން ނަގާފައިވާކަމަށް ވިދާޅުވިއެވެ.
ފުލުހުން ޑެޕިއުޓީ ކޮމިޝަނަރު ނަވީން ވިދާޅުވިގޮތުގައި މިހާރު ވެންޓިލޭޓަރުން އެ ކުއްޖާ ނަގާފައި އޮތްކަމުގައި ވިޔަސް އަދި އެކުއްޖާ އޮތީ އައިސީޔޫގައި ވަރަށް ހާލު ދެރަކޮށް ކަމަށް ވިދާޅުވިއެވެ. ސުވާލުކޮށް ފިންގާ ޕްރިންޓް ނެގުމަށް އަދި ޑޮކްޓަރުން ހުއްދަ ދީފަ ނުވާއިރު ޔޫރިން ބްލަޑް ސާމްޕަލް ނެގިފައިވާކަމަށް ނަވީން ވިދާޅުވިއެވެ.
ނަވީން ވިދަޅުވީ ފުރަތަމަ ލެބް ޓެސްޓުން ވެއްޓުނު ޒުވާނާއާއި އޭނާއާއި އެކު އުޅުނު ޒުވާނާ ކެނަބިސްއަށް ޕޮޒިޓިވެފައިވާކަމަށެވެ. އެހެންނަމަވެސް އެކުދިން ބޭނުންކޮށްފައިވަނީ ހަމައެކަނި ކެނެބިސްކަމަށް ނުބެލެވޭކަމަށް ނަވީން ވިދާޅުވިއެވެ.
ނަވީން ވިދާޅުވިގޮތުގައި އެބޭފުޅުން އަމިއްލައަށްވެސް ކެނެބިސްއަށް ޕޮޒިޓިވް މީހަކަށް ނުވަތަ ކެނެބިސް ނެގި މީހަކު މިހާވަރަށް މަސްތުވެފައި ހުރެދޭނެކަމަށް ގަބޫލެއް ނުކުރެވޭކަމަށް ވިދާޅުވިއެވެ. އެހެންވީމަ އިތުރު ޓެސްޓްތައް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ނަވީން ވިދާޅުވިއެވެ.
އަންހެން ކުއްޖާ އޭނާ ލައިގެން ހުރި ޓިޝާޓް ބާލާ ފިރިހެން ކުއްޖާ ޓީޝާޓް ލާފައިވުމުން ބިންމަތީގައި އޮތ އަންހެން ކުއްޖާގެ ޓީޝާޓްގެ ޑީއެންއޭ ޓެސްޓް ހެދުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ނަވީން ވިދާޅުވިއެވެ.
ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ހުކުރު ދުވަހު ހެނދުނު 7:23 އެހާކަންހާއިރުއެވެ. ފުލުހުން މިހާރު ގެންދަވަނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

































