މާލޭ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓުނު ޒުވާން އަންހެން މީހާއަށް ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފިއެވެ.
އެ އަންހެން މީހާއަށް ފަރުވާ ދެނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައެވެ.
ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް މީހަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ހުކުރު ދުވަހު ހެނދުނު 7:23 އެހާކަންހާއިރުއެވެ.
ފުލުހުން ވިދާޅުވީ، ވެއްޓިފައި އޮއްވާ ފެނިފައިވަނީ 21 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.
މި މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުގެ އެހީތެރިކަމާއެކު އެ މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާކަމަށް ފުލުހުން ހުކުރުދުވަހު ވިދާޅުވިއެވެ.
އެ މީހާ ފުރާޅުމަތީ ވެއްޓިފައި އޮތް މަންޒަރު ފެންނަ ފޮޓޯތަކެއް މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. ފުލުހުން ވަނީ އެފަދަ ފޮޓޯތައް ދައުރު ނުކުރުމަށް އިލްތިމާސް ކުރަމުންނެވެ.
ފުލުހުން މިހާރު ގެންދަވަނީ މި މައްސަލަ ތަހުޤީޤު ކުރަމުންނެވެ.

































