އެންމެން ވެސް ކަރަންޓު ބޭނުންކުރުމުގައި ޙާއްސަ ސަމާލުކަމެއް ދިނުމަކީ ވަރަށް މުޙިއްމު ކަމެއް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ މިހެން ވިދާޅުވެފައިވަނީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. ފަހުމީ ފޭސްބުކްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ މިދުވަސްވަރަކީ ރާއްޖެއަށް ހޫނު ދުވަސްވަރަކަށްވުމާއެކު، އިޙްސާސްކުރެވޭ ހޫނުމިން މަތިވަމުންދާކަން ފާހަގަކުރެވިފައިވާތީވެ އެންމެންވެސް ކަރަންޓް ބޭނުންކުރުމުގައި ޙާއްސަ ސަމާލުކަމެއް ދިނުން މުޙިއްމު ކަމަށެވެ.
ފަހުމީ ވިދާޅުވީ ޙާއްސަކޮށް އޭސީ ފަދަ ތަކެތި ބޭނުންކުރާއިރު، އޭގެ ފިނިކަން 25 ޑިގްރީއަށްވުރެ ދަށް ނުކުރުމަށާއި، ކޮންމެހެން ބޭނުންވާ މިންވަރަށް މެނުވީ ކަރަންޓު ބޭނުން ނުކުރުމަށް އިލްތިމާސް ކުރައްވާކަމަށެވެ.
އަދި މި އަހަރުގެ މިހާތަނަށް މާލެ ސަރަޙައްދުގައި އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.
މިގޮތުން ބުރާސްފަތި ދުވަހުގެ 15:00 ގައި 114 މެގަވޮޓްގެ ކަރަންޓު ބޭނުންކޮށްފައިވާ ކަމަށާ ހޮނިހިރު ދުވަހު 13:00 ގައި މާލޭގެ ލޯޑް ހުރީ 111 މެގަވޮޓްގައި ކަމަށް ފަހުމީ ވިދާޅުވިއެވެ.
ކަރަންޓް ބިލް ބޮޑުވާތީ އާއްމުން އަންނަނީ މިކަމުގެ ޝަކުވާ އަބަދުވެސް ކުރަމުންކަން ފާހަގަކޮށްލެވެއެވެ.

































