ހުޅުދުއްފާރަކީ މީހުން ޙިޖުރަކުރި ރަށްތަކުގެ ތެރޭން ވަރަށް ނަމޫނާ ރަށެއް ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ހުޅުދުއްފާރުގައި ރަސްމީކޮށް މީހުން ދިރިއުޅެން ފެށިތާ 30 އަހަރު ފުރުން ފާހަގަކުރުމަށް އެ ރަށުގައި ހުކުރުދުވަހުގެރޭ ބޭއްބި ރަސްމިއްޔާތު ޝަރަފުވެެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ހުޅުދުއްފާރަކީ އެ އަތޮޅުގެ ގިނަ ބަޔަކަށް އަމާޒުކޮށްގެން ކުރާ ކަންތައްތައް، އެންމެ ފަސޭހައިން އެ އަތޮޅުގައި އިންތިޒާމުކުރެވޭ އަދި އެންމެ ރަނގަޅަށް އެ ފަދަ ކަންކަމުގައި މަރުޙަބާ ކިޔުއްވާ ރަށް ކަމަށް ވިދާޅުވިއެވެ. މިކަމުގެ ތަފްޞީލު ދެއްވަމުން އެކަން އެގޮތަށް ހިނގަމުން އަންނަނީ އެ ރަށަށް ހިޖުކުރައްވާފައި ރަށްތަކުގެ ރައްޔިތުންގެ ކިބައިން ފާހަގަކުރެވިފައިވާ ޚާއްޞަ ސިފަތަކެއްގެ ސަބަބުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި، ހުޅުދުއްފާރަކީ، ރައްޔިތުންގެ މެދުގައި ވަރަށް ބަދަހި ގުޅުމެއް އޮތް ރަށެއް ފާހަގަކުރެއްވިއެވެ. މިގޮތުން ޢިލްމީ ގޮތުންނާއި، މަސައްކަތްތެރިކަމުގެ ގޮތުން ޤާބިލް ޒުވާނުންތަކެއް ހުޅުދުއްފާރުގައި މިއަދު އުފެދިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ހުޅުދުއްފާރުގައި ރަސްމީކޮށް މީހުން ދިރިއުޅެން ފެށިތާ 30 އަހަރު ފުރުން ފާހަގަކުރުމަށް އެ ރަށުގައި ބޭއްބި ރަސްމިއްޔާތު ޝަރަފުވެެރިކޮށްދެއްވާ މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައި އެ ރަށުގެ ރައްޔިތުންނަށް ތަޙްނިޔާއާއި މުބާރަކުބާދު އަރިސްކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ހުޅުދުއްފާރުގެ ގިނަ ޢަދަދެއްގެ ރައްޔިތުންނާއި، މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ބައެއް ސްޓޭޓް މިނިސްޓަރުންނާއި، ކުލަސްޓަރތައް ބެލެހެއްޓެވުމާއި ޙަވާލުވެ ތިއްބެވި މި މިނިސްޓްރީގެ ބައެއް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

































