ދިވެހިބަހާއި އަދަބިއްޔާތަށް ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވި މަޑުލު މުޙައްމަދު ވަޙީދު އަވަހާރަވެއްޖެއެވެ.
މަޑުލު މުޙައްމަދު ވަޙީދު އަވަހާރަވީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށެވެ. މަޑުލު މުޙައްމަދު ވަޙީދު އަވަހާރަވީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހުގައެވެ.
މަޑުލު ވަހީދަކީ ގިނައަދަދެއްގެ ދިވެހި ފޮތްތައް ލިޔުއްވާފައިވާ ގިނަ ބަޔަކު ދަންނަ މަޝްހޫރު ލިޔުންތެރިއެކެވެ. ވަހީދުގެ ކުރުވާހަކަތަކާއި މަޒުމޫނުތަކަކީ ދިވެހިންގެ ތެރޭގައި މަޤްބޫލްކަން ލިބިފައިވާ އަދަބީ މަސައްކަތްތަކެކެވެ.
މަޑުލު ވަހީދަކީ، ސަރުކާރަށް ވެސް ވަރަށް ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އަކީ ނޫސްވެރިކަމުގެ ރޮނގުގައި ވެސް ފާހަގަކޮށްލެވޭ ފަދަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ދިވެހި ބަހުގެ ދާއިރާ އިން ވަރަށް ގިނަ ބަޔަކަށް އޭނާ ވަނީ ކިޔަވައިދެއްވައި، ތަމްރީނު ވެސް ދެއްވައިފަ އެވެ. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން 2019 ވަނަ އަހަރު ޝަރަފްވެރިކަމުގެ ގައުމީ އިނާމު ހާސިލު ކުރައްވާފައި ވއެވެ.
މަޑުލު ވަހީދު އަވަހާރަވި އިރު އުމުރުއަކީ 77 އަހަރެވެ. މަޑުލު ވަހީދުގެ ޖަނާޒާ އޮންނާނީ މިއަދުގެ އަސްރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ.

































