ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ލިވަޕޫލްގެ އަކްސާ ޓްރެއިނިންގ ސެންޓަރަށް ޒިޔާރަތް ކުރައްވައި، ފުޓުބޯޅައިގެ ކޯޗިންގްގެ އަދި ތަމްރީނުތައް ބައްލަވާލައްވައިފިއެވެ.
ފަހުގެ ވަސީލަތްތަކާއެކު އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްފައިވާ ލިވަޕޫލްގެ އަކްސާ ޓްރެއިނިންގ ސެންޓަރަށް ކުރެއްވި މިޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ ފުޓުބޯޅައިގެ ތަރައްޤީއަށް ކުރެވިދާނެ ކަންކަމާއި ކުރިއަރަމުންދާ އުންމީދީ ކުޅުންތެރީންނަށް ފުރުޞަތުތައް ފަހިކޮށްދެވޭނެ ގޮތްތައް އޮޅުންފިލުއްވާފައިވާކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިނގިރޭސި ވިލާތަށް ކުރައްވާ މި ޒިޔާރަތަކީ، އެޤައުމުގެ ލިވަޕޫލް ފުޓްބޯލް ކްލަބް (އެލް.އެފް.ސީ) އާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) / ވިޒިޓް މޯލްޑިވްސްއާ ގުޅިގެން، ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ކުރިއަށްގެންދާ ކޯ-ބްރޭންޑިންގ ކެމްޕޭން ފެށުމުގެ ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 5 ވާ ހޮނިހިރު ދުވަހުއެވެ.

































