އިނގިރޭސިވިލާތުގެ ލިވަޕޫލްގައި ދިރިއުޅޭ ދިވެހި ދަރިވަރުންނާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުބައްދަލުކުރައްވައިފިއެވެ.
މެންދުރުގެ ފަރިއްކޮޅަކާއެކު ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދިވެހި ދަރިވަރުންގެ ހާލުކޮޅު ބައްލަވައި، ތައުލީމީ ތަޖުރިބާއާއި، ބޭނުންތަކާއި ކަންބޮޑުވުންތައް އޮޅުންފިލުއްވާފައެވެ.މިގޮތުން މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދަރިވަރުންގެ ތަޢުލީމީ ކަންކަން ކުރިއަށްދާ ގޮތާއި، އެ ދަރިވަރުންގެ ތަޖުރިބާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ދަރިވަރުންނަށް ދިމާވާ މައްސަލަތައް ޙައްލުކޮށްދެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދަރިވަރުންނަށް ރައީސް ދެއްވިއެވެ.
ދިވެހި ދަރިވަރުންނާ މިގޮތަށް ބައްދަލުކޮށްލެވުނީތީ ވަރަށް އުފާވެއްޖެކަމަށާއި އަދި އެ ދަރިވަރުން މަތީ ތަޢުލީމު ހާސިލުކުރުމުގައި ލިބިފައިވާ ކާމިޔާބީތަކާމެދު ފަޚުރުވެރިވެވޑައިގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ޤައުމުގެ ތަޢުލީމީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އެކަންކަން ހައްލުކުރުމަށް ސަރުކާރުން އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކުގެ މަޢުލޫމާތުވެސް ރައީސް ދަރިވަރުންނާ ހިއްސާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި، އެ ޤައުމުތަކުގައި ދިރިއުޅެމުންދާ ދިވެހިންނާއި ކިޔަވަމުންދާ ދަރިވަރުންނާ ބައްދަލުކުރެއްވުމަކީ އިސްކަންދެއްވާ ކަމެކެވެ. މިފަދަ ބައްދަލުވުންތަކުގައި ދިވެހިންނަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތައް އޮޅުންފިލުއްވައި، އެކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް ރައީސް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވައެވެ.
ރައީސް އިނގިރޭސި ވިލާތަށް ކުރައްވާ މި ޒިޔާރަތަކީ، އެޤައުމުގެ ލިވަޕޫލް ފުޓްބޯލް ކްލަބް (އެލް.އެފް.ސީ) އާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) / ވިޒިޓް މޯލްޑިވްސްއާ ގުޅިގެން، ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކުރިއަށްގެންދާ ކޯ-ބްރޭންޑިންގ ކެމްޕޭން ފެށުމުގެ ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 5 ވާ ހޮނިހިރު ދުވަހުއެވެ.

































