ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ކަނޑު އުޅަނދުފަހަރު ނަގިލިލާފައި ނުވަތަ ޖެޓީގައި އޮންނަ ވަގުތުތަކުގައި އެ އުޅަނދެއް ބެލެހެއްޓުމަށްޓަކައި ފަޅުވެރިން ތިބުން ލާޒިމްކަމެއްކަމުގައި ދަތުރުފަތުރާއި މަދަނީއުދުހުންތަކައި ބެހޭ ވުޒާރައިން ހަމަޖައްސައިފިއެވެ.
ދަތުރުފަތުރާއި މަދަނީއުދުހުންތަކައި ބެހޭ ވުޒާރައިން ބުނީ. ސަލާމަތާ ރައްކާތެރިކަމުގެ ގޮތުން އެކަށީގެންވާ އަދަދަށް ފަޅުވެރިން ތިބުމަކީ ލާޒިމްކަމެއްކަމުގައި ހަމަޖައްސައިފައިވާކަމަށެވެ.
ވުޒާރައިން ބުނީ، މިގޮތަށް ނިންމާފައިވަނީ މިހާރަކަށްއައިސް ކަނޑު އުޅަނދުފަހަރު ފަޅުތެރޭގައާއި ކަނޑުގެ ސަރަހައްދުގައި ނަގިލި ލުމަށްފަހު އުޅަނދު ބެލެހެއްޓުމަށްޓަކައި އެއްވެސް ފަޅުވެރިއެއް އުޅަނދުގައި ނެތި އުޅަނދު ދޫކޮށްލާފައި ދިއުމުގެ ސަބަބުން ތަފާތު ނުރައްކާތެރި ހާދިސާތައް ދިމާވެ މީހުންގެ މުދަލަށް ގެއްލުން ވަމުންދާކަން ފާހަގަކުރެވިފައިވާތީއެވެ.
މިގޮތަށް ނަގިލި ލާފައި އުޅަނދު ބެލެހެއްޓުމަށްޓަކައި ބޭނުންވާ އަދަދަށް އެ އުޅަނދުގައި ފަޅުވެރިން ނެތްނަމަ އެ އުޅަނދުގެ ވެރިފަރާތަކާމެދު ”ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު“ ގެ 44 ވަނަ މާއްދާގެ ”ފ“ ގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.
ދަތުރުފަތުރާއި މަދަނީއުދުހުންތަކައި ބެހޭ ވުޒާރައިން އިތުރުން ބުނީ، މި ޤަވާއިދަށް ޢަމަލުކުރަން ފެށުމުން ކަނޑުގެ ސަރަހައްދުގައި ހިނގާ ނުރައްކާތެރި ހާދިސާތައް މަދުވެގެންދާނެއެވެ. އަދި އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެއެވެ. މީގެ އިތުރުން، ފަޅުވެރިން އުޅަނދުގައި ތިބުމުން އުޅަނދުފަހަރަށާއި އެހެނިހެން މުދަލަށް ލިބޭ ގެއްލުން މަދުވެގެންދާނެއެވެ.

































