ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދު ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދެއްވިގޮތުގައި ޝަމްޢާން ހައްޔަރުކުރީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެންނެވެ.
ޝަމްޢާން ހައްޔަރުކޮށްފައި ވަނީ ހުކުރުދުވަހުގެރޭ ކޯޓު އަމުރެއްގެ ދަށުންނެވެ.
އިމިގްރޭޝަންގެ ބައެއްގެ މުވައްޒިފުން ބިދޭސީން އަތުން ނާޖައިޒު މަންފާ ހޯދަމުންދާ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާ އެކަމާ ގުޅޭ އޮޕަރޭޝަނެއް ބުރާސްފަތި ދުވަހުގެރޭ ހިންގި ކަމަށް ފުލުހުން ބުންޏެވެ.
އެ އޮޕަރޭޝަންގެ މައުލޫމާތު ހިމަނާ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބިދޭސީ މަސައްކަތްތެރީން އުޅޭ ގެއެއް ބަލާ ފާސްކޮށް ގިނަ އަދަދެއްގެ ފައިސާއާއެކު ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަަށެވެ.
ބިދޭސީންގެ އަތުން 530،000 ރުފިޔާ އިމިގްރޭޝަންގެ އޮފިސަރުން ހޯދި ކަމަށާ އަދި އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީންގެ ތެރެއިން އެކަކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ބިދޭސީން އުޅުނު މިގެ ބަލާ ފާސްކުރީ ބިދޭސީން ހޯދާ ޑިޓެއިން ކުރުމުގެ ޒިންމާ އޮތް ޓާސްކު ފޯސް އަދި ރިސްކު މެނޭޖްމަންޓް ސެކްޝަންގެ މުވައްޒިފުން ނޫން ކަމަށް ވެސް ބުންޏެވެ. ފުލުހުން ބުނީ ދޫކޮށްލި ބިދޭސީ މީހާއާ އިމިގްރޭޝަންގެ އޮފިސަރުން މަގުމަތީން ބައްދަލުކޮށް އެ މީހާ އަތުގައި ހުރި ފައިސާތައް ހިފައިން ހުކުރުދުވަހުގެރޭގެ ވަގުތެއްގައި ޝަމްއާން ދިރިއުޅޭ އިމާރާތަށް ވަދެފައިވާކަން ތަހުޤީގަށް އެނގިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފަސް މީހަކު ހިފަހައްޓާ އެ މީހުން ފާސްކޮށް ކޯޓް އަމުރެއްގެ ދަށުން އިލެކްޓްރޯނިކް އާލަތްތަކެއް ވަނީ ހިފަހައްޓާފަ އެވެ. އަދި ޝައްމާން ދިރިއުޅޭ ގެ ބަލާ ފާސްކޮށް ގިނަ އަދަދެއްގެ ފައިސާއާ އިލެކްޓްރޯނިކް އާލަތްތައް ވަނީ ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފަ އެވެ. އަދި އެ ފައިސާ ޝަމްއާންގެ ގެއަަށް ގެންދިޔަކަން ފުލުހުން މިހާތަނަށް ހޯދި ހޯދުމުން އެނގިފައިވާކަމަށް ވަނީ ބުނެފައެވެ.

































