މި އަހަރުވެސް ކުޑަ ޢީދު ކުލަގަދަކޮށް ފާހަގަ ކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
މި އަހަރުގެ ކުޑަ ޢީދުގެ ކުޅިވަރުތައް “ސާދަ އެންޓަޓައިމަންޓް“ އާ ގުޅިގެން ކުރިއަށް ގެންދިއުމަށް މާލެ ސިޓީ ކައުންސިލުން ވަނީ، ކުޑަ ޢީދުގެ ހަރަކާތްތައް ހޯސްޓް ކުރުމުގެ އެއްބަސްވުމުގައި ބުރާސްފަތި ދުވަހު ސޮއިކޮށްފައެވެ.
މާލެ ސިޓީ ކައުންސިލްގެ ފަރާތުން، މި އެއްބަސް ވުމުގައި ސޮއިކުރެއްވީ، މާލޭ ސިޓީގެ މޭޔަރ އާދަމް ޢާޒިމްއެވެ. އަދި މި އެބަސްވުމުގައި “ސާދަ އެންޓަޓައިމަންޓު“ގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިން ޑިރެކްޓަރ ޖަޒުލާން ޝަރީފެވެ.
ކުޑަ ޢީދުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ، ޢީދު ދުވަހުގެ ހަވީރު 4:00 ގައި ބޮޑު މަހުގެ ކުޅިވަރުތަކުންނެވެ. ރަސްފަނުން ފެށުމަށް ހަމަޖެހިފައިވާ މި ކުޅިވަރު، މަޖީދީ މަގުން ގޮސް ނިންމާނީ އާޓީފިޝަލް ބީޗަށެވެ.
ޢީދުގެ ފުރަތަމަ ދުވަހަށް ފަހު، ޢީދު ބަންދު ތިން ދުވަހު، އާޓިފިޝަލް ބީޗްގައި ވެސް “ސާދަ އެންޓަޓައިމަންޓުން“ ވަނީ ސަގާފީ ފެސްޓިވަލެއް ކުރިއަށް ގެންދިއުމަށް ނިންމައިފައެވެ. އެ ގޮތުން އެ ތިން ދުވަހުގެ ހަވީރާއި ރޭ ގަނޑު ވެސް މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
މި ފެސްޓިވަލްގައި، ސަގާފީ ގޮތުން ކުޅެމުން އަންނަ ބައެއް ކުޅިވަރުތައް ކަމަށްވާ، ބަޑިއާ ޖެހުމާއި ތާރަޖެހުން އަދި ބޮޑުބެރު ޖެހުން ފަދަ ކުޅިވަރުތައް ކުޅޭ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ދޭން ވެސް، ސާދަ އެންޓަޓައިމަންޓުން ވަނީ ހުޅުވާލައިފައެވެ.
މީގެ އިތުރުން ކުޑަ ކުދިންގެ ހަވީރަކާއި މިއުޒިކް ޝޯއެއް ވެސް، ޢީދުގެ ބަންދު ދުވަސްތަކުގައި އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދިއުމަށް “ސާދަ އެންޓަޓައިމަންޓުން“ ވަނީ ނިންމައިފައެވެ.
ކުޑަ އީދަށް މާލެ ސަރަހައްދު ކުލަ ބޮކިތަކާއި ޝިޢާރުތަކުން ދިއްލުމަށް، މާލެ ސިޓީ ކައުންސިލާއި ސިޓީސް މިނިސްޓްރީ އަދި ސްޓެލްކޯ ގުޅިގެން ކުރިއަށް ގެންދިއުމަށް ވެސް މިހާރު ވަނީ ނިންމައިފައެވެ. މިދިޔަ އަހަރުވެސް އަތޮޅުތެރެއެކޭ އެއްފަދައިން މާލޭގައި ވެސް ކުޑަ އީދު ކުލަގަދަކޮށް ފާހަގަކޮށްފައިވެއެވެ.

































