ބ. އޭދަފުށީ ޑޭޒީވިލާ މުހައްމަދު އަލީގެ ނަމުގައި އޭނާގެ ދަރިން އޭދަފުށީގައި ބިނާކުރި މިސްކިތް ހުޅުވައިފި އެވެ.
މި މިސްކިތް ހުޅުވީ ބުރާސްފަތި ދުވަހު މަޢުރިބު ނަމާދު ވަގުތަށެވެ. މިސްކިތުގެ ނަމަކީ މަސްޖިދުލް މުޙައްމަދު އަލީ އެވެ.
މިހާރު އުމުރުން 91 އަހަރު ވެފައިވާ، މުހައްމަދު އަލީ އެންމެ ބޭނުންވި އެއްކަމަކީ އޭދަފުށީގައި މިސްކިތެއް ބިނާކޮށް ރަށު ރައްޔިތުންނަށް ހަދިޔާކުރުމެވެ. މިއީ އެގޮތުން އޭދަފުށީ ރައްޔިތުންނަށް މުހައްމަދު އަލީ ދެއްވި އަގުބޮޑު ހަދިޔާއެކެވެ. “ ބައްޕަ އެންމެ ބޭނުންވި އެއްކަމަކީ އުފަން ރަށުގައި މިސްކިތެއް ބިނާކުރުން. އަޅުގަނޑުމެންގެ މި މަސައްކަތް ޤަބޫލުކުރައްވައި ހެޔޮދަރުމަ ދެއްވާށި“ މުހައްމަދު އަލީ ގެ ދަރިއަކު ފޭސްބުކްގައި ލިޔުއްވާފައިވެއެވެ.
އޭދަފުށީ ދެކުނުފަރާތު ހިއްކި ސަރަހައްދުގައި ބިނާކޮށްފައިވާ ދެ ބުރީގެ މި މިސްކިތް ހުކުރުވިލޭޜޭ ހުޅުވައިދެއްވީ މުހައްމަދު އަލީ އާއި އޭދަފުށީގެ ތައުލީމަށް ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވި މިހާރު ވިލާ ކޮލެޖުގެ ރެކްޓާގެ މަޤާމުގައި ހުންނެވި ޑރ. އަޙުމަދު އަންވަރުއެވެ.
މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި މުހައްމަދު އަލީ އާއި އާއިލާގެ ގިނަ ބޭފުޅުންނާއި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރި ވިއެވެ. މި އެންމެންނަށް ވަނީ ބުރާސްފަތި ދުވަހުގެ ރޯދަވީއްލުމެއްވެސް ދީފައެވެ.
މުހައްމަދު އަލީގެ ހުވަފެން ހަޤީގަތަކަށް ހެދުމުގެ އުންމީދުގައި މީގެ ހަތަރު އަހަރު ކުރިން ބިންގާ އެޅި މިސްކިތުގެ މަސައްކަތް ނިންމައި ބުރާސްފަތި ދުވަހު ހުޅުވިއިރު މުހައްމަދު އަލީ އާއި އޭނާގެ އާއިލާ އަށް ލިބޭ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ މުޅި ރާއްޖޭގެ އެންމެ ކަހަލަ ގޮތަކަށް މި މިސްކިތުގެ ރީތިކަމުގެ ވާހަކަ ދައްކާތީވެ އެވެ. މުޅިން ތަފާތު ކޮންސެޕްޓަކަށް ހަދާފައިވާ މި މިސްކިތް، އޮމާނާއި އުޒްބަކިސްތާނާއި ތުރުކީ ފަދަ ތަންތަނުން ފެންނަ މިސްކިތްތަކާ އެއްވެސް ތަފާތެއްނެތެވެ. މިސްކިތުގެ ވަންނަ މައި ދޮރާއްޓައި އެކި ހިސާބުތަކުން ފެންނަނީ އިސްލާމީ އާކިޓެކްޗާގެ ތަފާތުކަމާއި މުއްސަނދިކަމެވެ. އެގޮތުން މިސްކިތުން ފެންނަ ފާރިސީ ސްޓައިލްގެ ޑިޒައިންތަށް ވަރަށްވެސް ހިތްގައިމެވެ.
ދެ ބުރިއަށް ހަދާފައިވާ މަސްޖިދުލް މުހައްމަދު އަލީގައި އެއްފަހަރާ 1،200 މީހުންނަށް ނަމާދު ކުރެވޭނެއެވެ.

































