މިއަހަރުގެ ރަމަޟާން މަހުގެ ކަރަންޓު ބިލުން ކޮންމެ ގޭބީސީއަކަށް މަދުވެގެން %10އާ ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންްގެ ބައްދަލުވުމުގައި ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު މުހައްމަދު ސަލީމް ވިދާޅުވީ، މާލެ އާއި ރާއްޖެތެރޭ ރަށްތަކުގައި ވެސް މި ހަރަކާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
ސްޓެލްކޯގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ސަލީމް ވިދާޅުވީ މިދިޔަ އަހަރުގެ ރޯދަ މަހު، ރީޑިންގ ނަގާ މުއްދަތު ދެ ބަޔަކަށް ބެހިގެން ދިއުމުން މުޅި ރޯދަ މަހަށް ޑިސްކައުންޓު ނުދެވުނު ކަމަށާއި ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމަށް ރޯދަ މަހުގެ ދެ ބިލަށްވެސް ފަހުން ޑިސްކައުންޓު ދެވިފައިވާނެ ކަމަށެވެ.
ރަމަޟާންމަހުގެ ބިލް ތައްޔާރުކުރުމަށްޓަކައި މާދަމާ ސްޓެލްކޯގެ ޓީމްތައް ހަރަކާތްތެރިވާނެކަމަށް އެ ކުންފުނިން ވިދާޅުވިއެވެ. މާދަމާ ރީޑިންގ ނެގުމަށްފަހު ދެން ރީޑިންގ ނަގާނީ ރަމަޟާންމަސް ނިމުމުން މާރޗް މަހުގެ 30 ވަނަ ދުވަހުއެވެ.
ސްޓެލްކޯއިން ވިދާޅުވީ، އެއް ދުވަހުން ރާއްޖޭގެ ހުރިހައި ސަރަހައްދެއްގައި ރީޑިންގ ނަގައި ނިންމާލާނެކަމަށެވެ. މާދަމާ މާލެ ސަރަހައްދުގައި ކަރަންޓް މީޓަރުގެ ރީޑިންގ ނެގުމަށްޓަކައި ސްޓެލްކޯގެ 350 މުވައްޒަފުން ހަރަކާތްތެރިވާނެކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ. އަދި މާދަމާ ރީޑިންގ ނަގާއިރު މިކަމުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ސެޓެލްކޯއިން ވިދާޅުވިއެވެ. އަދި ގޭގައި ގިނަވަގުތު ނޫޅޭ ފަރާތްތަކުންވެސް ގޭގައި އުޅޭނެ ވަގުތު ސްޓެލްކޯއަށް އަންގާލުމުން އެ ކުންފުނިން އެ ވަގުތުގައި ރީޑިން ނަގަންދާނެ ކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.
މިދިޔަ ރޯދަ މަހެކޭ އެއްގޮތަށް ކުރިއަށް އޮތް ރޯދަމަހުގައިވެސް ރައްޔިތުންނަށް ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓް ލިބިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ އއ. މަތިވެރިއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ.
މިދިޔަ ރަމަޟާން މަހު ސަރުކާރުން ވަނީ ފެން ބިލާއި ކަރަންޓް ބިލުތަކަށް 142 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދެއްވާފައެވެ.

































