ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން މަޖިލީހަށް ހުށައެޅި ބިލް ފާސްކުރަން ސަރުކާރު ކޯލިޝަންގައި ހިމެނޭ ލީޑަރުން ވޯޓެއްނުދެއެވެ. އަދި ޕީއެންސީގެ ބައެއް މެމްބަރުން ބިލަށް ދެކޮޅު ހަދައިފިއެވެ
މި ބިލު އިއްޔެ މަޖިލިހަށް ހުށައަޅާ މަޖިލިހަށް ބަލައިގަނެ ބަހުސްކޮށް ކޮމެޓީން ގަޑިއިރެއްގެ ތެރޭގައި ދިރާސާކޮށްވެސް ވަނީ ނިންމާފައެވެ. އަދި މިއަދު މަޖިލިހަށް ކޮމެޓީން ރިޕޯޓް ހުށައެޅުމުން ގިނަ ވަގުތަކެއް ނުނަގާ ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުންގެ ތާއިދާއެކު ބިލް މި ވަނީ ފާސްކޮށްފައެވެ.
މިއަދު ބިލް ފާސްކުރަން ނެގި ވޯޓްގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދި ސަރުކާރަށް ތާއީދުކުރާ އެއްވެސް ޕާޓީއެއް ބައިވެރިއެއް ނުވިއެވެ. އެގޮތުން ބިލަށް ވޯޓަށް އެހިއިރު ޖުމްހޫރީ ޕާޓީގެ ލީޑަރު މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި އެމްއެންޕީގެ ލީޑަރު މާފަންނު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި އެމްޑީއޭއަށް ނިސްބަތްވެޑައިގަންނަވާ ދެ މެމްބަރުންކަމަށްވާ އެޕާޓީގެ ލީޑަރު މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދާއި ވެލިދޫ ދާއިރާގެ މެމްބަރުން މުހައްމަދު އައްބާސް ތަޅުމުގައި ވަޑައިގެންނެތެވެ.
މިބިލާއި ދެކޮޅު ހެދުމުގެ ގޮތުން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވަނީ މަޖިލީހުގެ ތަޅުން ދޫކުރައްވާ ނުކުންނަވާފައެވެ. އަދި އިހަވަންދޫ ދާއިރާގެ މެމްބަރު އަހްމަދު ނަސީރުވެސް ވޯޓުގައި ބައިވެރިވެޑައިގެންފައެއް ނުވެއެވެ.
ބިލަށް ވޯޓަށް އެހުމުގެ ކުރިން މަޖިލިހުގެ ސިސްޓަމަށް މައްސަލަ ޖެހިފައިވާކަން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާންކުރެއްވިއެވެ. އެއާއި އެކު ބިލަށް ވޯޓަށް ބިލް ފާސްކޮށްފައިވަނީ ވަކި ވަކި މެމްބަރުންގެ ނަން ގޮވާ އެ މެމްބަރަކަށް ފެންނަ ގޮތަކަށް އަނގަބަހުން ވޯޓް ދީގެންނެވެ.
މިބިލަށް ވޯޓަށް އެހުމުގެ ކުރިން އިދިކޮޅު އެމްޑީޕީގެ ބައެއް މެމްބަރުންގެ ނަން އިއްވާ މަޖިލީހުން ބިލް ފާސްކުރީ 68 މެމްބަރުންގެ ވޯޓާއި އެކުއެވެ.
ފާސްކުރި އިސްލާހަކީ ޤާނޫނާ ޚިލާފު އިސްލާހެއްކަމެއް ޤަނޫނީ ބޭފުޅުންނާއި ބާ ކައުންސިލްއިން ވެސް ވަނީ ބުނެފައެވެ. މިއިސްލާހު ގެނެވިފައިވާ ވަގުތަކީ، މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ މައްސަލައެއް ސްޕްރީމްކޯޓުގައި ކުރިއަށްދާ ވަގުތެއްގައެވެ.


































