ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ވެމްކޯގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މިޚިދުމަތް ފައްޓަވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިގު އިބްރާޙިމެވެ.
ދިއްދޫގައި ވެމްކޯގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވައި ވާހަކަފުޅުދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް ވިދާޅުވީ، ވެމްކޯގެ ޚިދުމަތް ދިއްދޫގައި ފެށުމާއެކު އެރަށުގެ ތިމާވެށި ހިމާޔަތް ކުރެވުމާއެކު ރައްޔިތުންގެ ސިއްޙަތުގެ އިތުރުން ލޯކަލް ވިޔަފާރިތަކަށްވެސް އެކަމުން ފައިދާކުރާނެ ކަމެއްކަމަށެވެ.
ވަޒީރު ޠާރިޤް ވިދާޅުވީ، ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތުގައި ކުޑަކުދިންނަށްވެސް މުޙިއްމު ދަޢުރެއް އަދާކުރެވިދާނެކަމަށެވެ.
މި ރަސްމިއްޔާޓުގައި ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށަކަށް ވެމްކޯގެ ޚިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މިހާރުވެސް ރަށެއްގެ ކައުންސިލުން ވެމްކޯގެ ޚިދުމަތަށް އެދިއްޖެނަމަ އެކަން ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް އޮންނަ އުސޫލުގެ ތެރެއިން ކުރިއަށްގެންދެވެނެކަމަށެވެ. އަދި އެކަމުގައި ވެމްކޯގެ ފާރާތުން ކުރަންޖެހޭ ކަންކަން ކުރުމަށް އަބަދުވެސް މުވައްޒަފުން ތައްޔާރަށް ތިބޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ވެމްކޯއިން ދެމުން އަންނަ ޚިދުމަތުގައި އެ ކުންފުންޏަށް އެއްބާރުލުން ދިނުމަށް ކައުންސިލާއި ރައްޔިތުންގެ ފަރާތުން ތިމާވެއްޓާބެހޭ ވަޒީރާއި ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރުވެސްވަނީ އެދިވަޑައިގެންފައެވެ.
ސަރުކާރުން ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދީ ކުނި މެނޭޖުކުރުން ވަށާޖެހޭ އަދި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކުރިއަށްގެންދަން ހަދަންޖެހޭ ޕްލޭންތަކާއި އިންތިޒާމުތައް ނިންމާފައެވެ.

































