ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ބަހާ މަސްދަޅު ކޭސް ހޯދުމަށް މާލެ ސަރަހައްދުގައި ކިއުގައި ރަޖިސްޓްރީ ވުމަށް އެކުލަވާލި ނިޒާމުގެ ލިންކު ހާމަކޮށްފިއެވެ.
މި ލިންކު ހާމަކުރެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރެވެ.
https://roadhahadhiya.mv/ މި ލިންކުން މިއަދު ހަވީރު 06:00 އިން ފެށިގެން ޓޯކަން ދޫކުރަން ފެށޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޭ މަސްދަޅު ކޭސް މިރޭ މާލެ ސަރަޙައްދުގައި ބެހުން ކުރިއަށްގެންދާނީ އޮންލައިންކޮށް ޓޯކަން ނެގޭ ނިޒާމެއްގެ ދަށުންނެވެ.
އެ ވުޒާރާއިން ބުނެފައިވަނީ 1446 ވަނަ އަހަރުގެ ރަމަޟާންމަހުގެ ރޯދަ ހަދިޔާގެ ގޮތުގައި ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭސް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި، ވީ އެންމެ ލުއިފަސޭހަ އިންތިޒާމުތައް ހަމަޖައްސައިދިނުމުގެ ގޮތުން، 2025 ފެބްރުއަރީ 22 ވާ ހޮނިހިރު ދުވަހުން ފެށިގެން، މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުމުގެ ކަންކަން ކުރިއަށް ގެންދާނެ އިންތިޒާމުތަކެއް މިހާރު އެކުލަވަލާލާފައިވާކަމަށެވެ.
މަސްދަޅުކޭސް ދޫކުރާ މަރުކަޒުތަކާއި ދޫކުރެވޭ ޓޯކަން ތަކަށް ބަލާލާއިރު :
1 މިފްކޯ ކޮމްޕްލެކްސް (200 ޓޯކަން)
2 އެމްޓީސީސީ ސޯމިލް (200 ޓޯކަން)
3 ހެންވޭރު ދަނޑު (100 ޓޯކަން)
4 ގަލޮޅު ދަނޑު 1 (50 ޓޯކަން)
5 ގަލޮޅު ދަނޑު 2 (50 ޓޯކަން)
6 ގަލޮޅު ދަނޑު 3 (50 ޓޯކަން)
7 ގަލޮޅު ދަނޑު 4 (50 ޓޯކަން)
8 ސޯޝަލް ސެންޓަރު (100 ޓޯކަން)
9 ވިލިމާލެ ވެމްކޯ ސައިޓް (100 ޓޯކަން)
10 ހުޅުމާލެ-އުމަރު ޒާހިރު ބިލްޑިންގް (100 ޓޯކަން)
11 ހުޅުމާލެ- ޕޮލްކޯ ޓަވަރ (C ބްލޮކް) (100 ޓޯކަން)
12 ހުޅުމާލެ – ހިޔާ ޓަވަރު 10 (100 ޓޯކަން)
13 ހުޅުމާލެ – ކާމިލް ދީދީ ޕްރީ ސްކޫލް (100 ޓޯކަން)
މަރުކަޒުތަކުން މަސްދަޅު ދޫކުރަން ނިންމާފައިވަނީ ރޭގަނޑު 08:00 އިން ރޭގަނޑު 12:00 އަށެވެ.
ހުރިހާ ގޭބިސީއަކަށް މަސްދަޅު ކޭސް ދޫކުރުން ފުރިހަމަ ކުރެވެންދެން މި މަސައްކަތް ކުރިއަށްގެންދާނެ ކަމަށާއި އަދި ފޯނު ފަދަ ތަކެތި ބޭނުންކުރުމަށް ދަތިކަމެއް ހުރެދާނެ ފަރާތްތަކަށްވެސް ދައްޗެއް ނެތި ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖައްސައިދެވޭނެކަމަށްވުޒާރާއިން ބުނެއެވެ. މިގޮތުން، މިފަދަ އެއްވެސް ދަތިކަމެއް ވާ ފަރާތެއްނަމަ، މަރުކަޒަށް ވަޑައިގަތުމުން، އެތަނުގައި ތިއްބަވާ މުވައްޒަފުން އެހީތެރިވެދޭނެކަމަށްވެސް ބުނެފައިވެއެވެ. އަދި މިހާރުވެސް އިޢުލާނުކުރެވިފައިވާ ފަދައިން، މަސްދަޅު ކޭސް ބަލައި ވަޑައިގަންނަވާއިރު، އެ ފަރާތެއްގެ އައިޑީ ކާޑާއި އެ މަހުގެ ކަރަންޓު ބިލު ގެންނަން ވާނެކަމަށާއި އެއް ފަރާތަށް އެންމެ ގިނަވެގެން ދޫކުރާނީ، (3 މީޓަރަށް) 3 މަސްދަޅު ކޭސްކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

































