ދިވެހިރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އަތުލިޔުއްވުން އަސްލަކަށް ބަލައިގެން އުފައްދާފައިވާ ތާނަ ފޮންޓު، ”މައުމޫން“ ލޯންޗްކޮށްފިއެވެ.
މި ފޮންޓް ލޯންޗުކޮށްފައި ވަނީ މައުމޫން ފައުންޑޭޝަނާއި އަކުރު ޓައިޕް ގުޅިގެން، މާލޭގެ އާޓް ގެލަރީގައި ހުކުރުދުވަހުގެރޭ ބޭއްވި ހަފްލާއެއްގައެވެ.
މި ފޮންޓް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވީ، މި ފޮންޓް ނެރެވިގެން މިދަނީ ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހުކަމަށެވެ. އަދި ދިވެހިންގެ މާދަރީ ބަހަކީ ރީތި ދިވެހި ބަސްކަމަށާއި، ދިވެހި ބަސް ކުރިއަރުވާ ދިރުވަން މިއަދުވެސް މަސައްކަތްކުރަންޖެހޭކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ބަހަކީ ޤައުމުގެ ދޫކަމަށާއި ޤައުމު ރަމްޒުކޮށްދޭ އެއްޗަކީ ޤައުމުގެ ބަސްކަމަށާއި، އަދި ޤައުމު ތަރައްޤީވާނީ ބަސް ތަރައްޤީވެގެންކަންވެސް ރައީސް މައުމޫން ފާހަގަކުރެއްވިއެވެ.
ފޮންޓު ލޯންޗުކުރުމަށް ފަހު އާންމުންނަށް މި ފޮންޓު ދައްކާލުމަށް މައުރަޒެއް ބާއްވަން ވަނީ ހަމަޖެހިފަ އެވެ. މިގޮތުން ހޮނިހިރު ދުވަހު މާލެ އާޓް ގެލަރީގައި ހެނދުނު 10:00 އިން ރޭގަނޑު 11:00 އަށް މި މައުރަޒަށް އާއްމުންނަށް ޒިޔާރަތްކުރެވޭނެކަމަށް މައުމޫން ފައުންޑޭޝަނުން މައުލޫމާތުދެއްވައެވެ.
އިސްލާމީ މަރުކަޒުގައި ޢަރަބި ބަހުން ލިޔުއްވާފައި ހުރި ބައެއް ލިޔުންތަކަކީ ރައީސް މައުމޫންގެ އަތްޕުޅުން ލިޔުއްވާފައިވާ ލިޔުންތަކެވެ. އަދި އިސްލާމީ މަރުކަޒުގެ ނަން ބޯޑް ވެސް ލިޔުއްވާފައި ވަނީ ރައީސް މައުމޫން އެވެ. މިއީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމު އަދާކުރެއްވި ބޭފުޅެއްގެ އަތުލިޔުއްވުމަށް ބިނާކޮށް ފޮންޓެއް ތައްޔާރުކުރެއްވި ފުރަތަމަ ފަހަރެވެ.

































