ރާއްޖޭގައި ނޫސްވެރިކަމާއި އިންޓަނެޓު ރެގިއުލޭޓު ކުރުމާ ބެހޭ ބިލެއް ތަޢާރަފް ކުރަން ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމުގައި ސަރުކާރުގެ ތަރުޖަމާނު، ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތަރުޖަމާނު ވިދާޅުވީ ނޫސްވެރިކަމާ އިންޓަރނެޓް ރެގިއުލޭޓް ކުރުމާ ބެހޭ އެއްވެސްކަހަލަ ބިލެއް ތައާރަފްކުރުމަކީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނިފައިވާ ކަމެއް ނޫން ކަމަށާއި، އެފަދަ ބިލެއް ތައާރަފްކުރުމުގެ މަސައްކަތެއް ސަރުކާރު ނުކުރާ ކަމަށެވެ.
ހީނާ ވިދާޅުވީ ކުރިއަށްއޮތް ތަނުގައިވެސް އެފަދަ ބިލެއް ތަޢާރަފް ކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅުއްވާ ކަމަށާއި، ކުރިންވެސް ހާމަކޮށްފައިވާ ގޮތަށް މީޑިއާތައް ޑީ ރެގިއުލޭޓް ކުރުމާއެކު ސެލްފް ރެގިއުލޭޓަރީ ނިޒާމަކަށް ފުރުސަތު ދިނުން އެއީ ސަރުކާރުގެ ސިޔާސަތު ކަމަށެވެ.
މިސަރުކާރުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެންމެ އިސްކަންދޭ ސިޔާސަތަކީ މީޑިއާގެ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި ޤާއިމްކޮށް ދެމެހެއްޓުން ކަމުގައި ހީނާ ވިދާޅުވިއެވެ.

































