ރާއްޖެ އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ގިނަ އަދަދެއްގެ ރިސޯޓުތައް ހިންގާ މެރިއޮޓް އިންޓަނޭޝަނަލުން ހަތާ ފިނޮޅުގައި ތަރައްގީކުރި ”ޖޭޑަބްލިޔު މެރިއޮޓް ކާފު އެޓޯލް އައިލެންޑް ރިސޯޓު“ ހުޅުވާފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. މިއީ މިއަހަރު ރާއްޖޭގައި ހުޅުވުނު ފުރަތަމަ ރިސޯޓެވެ.
އެ ރިސޯޓަކީ 81 އެނދުގެ ރިސޯޓެކެވެ. އެ ރިސޯޓާއެކު މެރިއޮޓް އިންޓަނޭޝަނަލުން ރާއްޖޭގައި ހިންގާ ރިސޯޓަކުގެ އަދަދު ވަނީ 9 އަށް އަރައިފައެވެ.
ޕީއެސްއެމްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ މިއަހަރުގެ ފުރަތަމަ ރިސޯޓު ޖެނުއަރީ މަހު ހުޅުވިގެންދިއުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށާއި އަދިވެސް ތަރައްގީކުރަމުންދާ ގިނަ ރިސޯޓުތަކެއް ހިމެނޭ ކަމަށެވެ. އަދި ފޭދޫ ފިނޮޅުގައި ތަރައްގީކުރާ ދުސިޓް ތާނީގެ ރިސޯޓު ވެސް ވަރަށް އަވަހަށް ހުޅުވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ފައިސަލް އިތުރަށް ވިދާޅުވީ ރިސޯޓުތަކުގެ އިތުރުން ލޯކަލް ޓޫރިޒަމްގެ ތެރެއިން ވެސް އެނދުތަކެއް މިއަހަރު އިތުރުވެގެންދާނެ ކަމަށާއި ލޯކަލް ޓޫރިޒަމް ވެސް ބާރު ސްޕީޑުގައި މިހާރު ކުރިއަރަމުންދާ ކަމަށެވެ.

































