އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ޖަމްޢިއްޔަތުލްޤަލަމުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނީ، ބުރާސްފަތި ދުވަހު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި އޮތް މި ބައްދަލުކުރެއްވުމުގައި އެ ޖަމްޢިއްޔާއިން ކުރިއަށް ގެންދާ އެކި މަސައްކަތްތަކާ ގުޅޭ ގޮތުން ވަނީ މަޢުލޫމާތު އަރުވައިފައެވެ. އަދި ވަޒީރުގެ ޚިޔާލުފުޅުތަކާއި ލަފާފުޅު ވެސް ވަނީ އެ ބޭފުޅުންނަށް އަރުވައިފައެވެ.
މީގެ އިތުރަށް އިސްލާމީ ތަރުބިޔަތާއި ދައުވަތުގެ ދާއިރާއިން، އެ ޖަމިއްޔާއިން ކުރިއަށް ގެންދާ މަސައްކަތްތަކުގެ އަގުވަޒަންކުރައްވައި، ކުރިއަށް އޮތް ތާނގައި އެ އަތޮޅުގައި ދީނީ ތަރުބަވީ ޕްރޮގްރާމް ހިންގުމަށް ޓަކައި، ޖަމިއްޔާއަށް އެހީތެރިވެދޭނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަންނަނީ ރަށްރަށުގައި ހަރަކާތްތެރިވަމުން އަންނަ ދީނީ އިޖްތިމާޢީ ޖަމްޢިއްޔާތަކާ ގުޅިގެން ގިނަ ހަރަކާތްތަކެއް ހިނގަވަމުންނެވެ. މީގެ އިތުރަށް ދީނީ ޖަމްޢިއްޔާތަކުގެ މަހާސިންތާއެއް ބާއްވައި ޖަމްޢިއްޔާތަކާ ގުޅިގެން ކުރެވިދާނެ ކަންކަމާ މެދު، ވަނީ މަޝްވަރާކުރައްވައިފައެވެ.

































